ވަޒީފާއާ ބެހޭ ބިލުން މަސައްކަތްތެރިން އިތުރަށް މާޔޫސް ވަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ވަޒީފާއާ ބެހޭ ބިލުގެ ސަބަބުން މަސައްކަތްތެރިން އިތުރަށް މާޔޫސްވަނީ ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް ދިގު ކުރުމުންނާއި ކޮންމެ ސަލާމަކަށް މެޑިކަލް ސެޓިފިކެޓް ހުށަހަޅަން ޖެހުން ފަދަ ކަންކަމުން ކަމަށެވެ. މީގެ ތެރޭގައި ރިޑަންޑަންޓް ކުރާ ގޮތާއި ސާވިސް ޗާޖު ދިނުމުގައި ޓްރާންސްޕޭރެންސީ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ވަޒީފާއާ ބެހޭ ބިލަށް އިތުރު ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ގޮވާލައްވާފައެވެ.
އޭނާ މިފަދައިން ގޮވާލެއްވީ، ވަޒީފާއާ ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މަސައްކަތްތެރިން ސިލްސިލާ އިހުތިޖާޖުތަކެއް ކުރަން ފެށުމާ ގުޅިގެންނެވެ. އެގޮތުން ފުވައްމުލައް ސިޓީ، ހއ. ދިއްދޫ އަދި ބާރަށުގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ.
ވަޒީފާގެ ގާނޫނަށް ހުށަހެޅާފައިވާ އިސްލާހުގައި، މީގެ ކުރިން މި ގާނޫނުގައި އޮތް ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ތިންމަސް ދުވަހުގެ ބަދަލުގައި ހަތް މަސް ދުވަހަށް އިތުރު ކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭނެ ގޮތާއި، މުވައްޒަފުންގެ އަހުލާގާއި ގުޅޭ ގޮތުން އެ މުވައްޒަފަކަށް ފިޔަވަޅު އެޅިދާނެ އުސޫލުތައް އުނިކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން، ބަލިވެގެން ސަލާމް ބުނާ އުސޫލަށްވެސް ވަނީ އިސްލާހު ތަކެއް ހުށަހަޅާފައެވެ. އެގޮތުން، މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ވަނީ، އެ މޔވައްޒަފު ވަޒީފާއަށް ނިކުންނަ ދުވަހު މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން ކަމަށް އެ އިސްލާހުގައި ވެއެވެ.