ގުދުރަތީ ނިޒާމުގެ ތެރެއިން އިރު ހަނދާ ތަރިތައް ދައުރުވަމުންދާ ދައުރުވުމުގެ ތެރެއިން ހިފާ ކޭތަ ބެލުމަކީ ގިނަ ބަޔަކު އެ ކަމަކަށް ޝައުގުވެރިވާ ކަމެކެވެ. މިއަދު ހިފަމުންދާ އިރުކޭތައަކީ ފުރިހަމަ އިރުކޭތައަކަށް ނުވި ކަމުގައި ވީ ނަމަވެސް، ކޭތަ ބަލަން ވާނީ ސަލާމަތާ ރައްކާތެރި ގޮތުގެ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.

ނާސާގެ ސްޕޭސް ފްލައިޓް ސެންޓާގެ ހީލިއޯފިޒިކްސް ޑިޕާޓްމަންޓްގެ ސައެންސް ޑައިރެކްޓާ އެލެކްސް ޔަންގް ވިދާޅުވާ ގޮތުގައި އިރުގެ އައްޔަކީ އާދަޔާ ހިލާފަށް ގަދަ އައްޔެއް ކަމުން، ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅާ ނުލާ އިރަށް ބަލާކަށް ނުވާނެއެވެ. އިރު ކޭތަ ބަލަންވާނީ އެކަމަށް ހާއްސަކޮށްފައިވާ 'އަވި' އައިނުތައް ބޭނުން ކޮށްގެންނެވެ. ޓެލެސްކޯޕްއާއި ބައިނޮކިއުލާ ފަދަ އާލާތްތައް ބޭނުންކޮށްގެން ކޭތަ ބަލާ ކަމުގައި ވީ ނަމަވެސް، އެކަމަށް ހާއްސަ ފިލްޓަރުތައް ބޭނުން ކުރުމަށް ޔަންގް ވަނީ ގޮވާލައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިރުކޭތަ ބައްލަވާލައްވަން ބޭރަށް ނިކުމެވަޑައިގެން/ފައިލް ފޮޓޯ: ޓްވިޓާ

އިރުން އަންނަ ގަދަ އައްޔަކީ ބަލަން އުނދަގޫ އައްޔަކަށް ވުމުގެ އިތުރުން، އެއީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ނުލާ ސީދާ ބަލައިފިނަމަ ލޮލަށް ގެއްލުންތަކެއްވެސް ދޭ ވަރުގެ ގަދަ އައްޔެކެވެ. ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅާ އިރަށް ބަލައިފިނަމަ ވަގުތީ ގޮތުން ހިނދު ކޮޅަކަށް ނަމަވެސް ލޯ އަނދިރިވެއެވެ. ބައެއް ފަހަރު މިއީ ދާއިމީ ކަމަކަށްވެސް ވެއެވެ.

ކޭތަ ބަލަން ގެންގުޅޭ އައިނަކީ ރަނގަޅު ފިލްޓަރެއް ހަރުކޮށްފައިވާ އައިނެއްކަން ކަށަވަރު ކުރަންޖެހެއެވެ. އެގޮތުން ކޭތަ ބަލާ އައިނަކީ އައިއެސްއޯ 12312-2ގެ މިންގަނޑަށް ފެތޭ އައިނެއްތޯ ކަށަވަރު ކުރަން ވާނެއެވެ. އަތުގައި އޮތް އައިނަކީ ރައްކާތެރި އައިނެއްތޯ ކަށަވަރު ކުރުމަށްޓަކައި، އެ ފިލްޓަރުން ބަލާލުމުން ގޭގައި ހުންނަ އާދައިގެ އަލިތައް އެ ފިލްޓަރުން ފެންނަ ނަމަ އެއީ އެއްވެސް ހާލެއްގައި އިރަށް ބަލަން ބޭނުން ކުރަން ހެޔޮވާނެ އައިނެއް ނޫނެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއަށް ފެންނާނީ ފަޅި ކޭތައެކެވެ. މާލެއަށް ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 09:38 ގައެވެ. ކޭތަ އެންމެ ފުރިހަމަވެފައި ހުންނާނީ 10:51 ގައެވެ. 2 ގަޑިއިރާ 36 މިނެޓަށް ކޭތަ ފެންނަން ހުންނައިރު، ކޭތަ ވީއްލާ ނިމޭނީ މެންދުރު 12:14ގައި ކަމަށް ލަފާކުރެވެއެވެ. ކުޅުއްދުއްފުށްތަށް ކޭތަ ހިފަން ފަށާނީ 09:33 ގައެވެ. 10:52 ގައި ކޭތަ ފުރިހަމަ ވެފައި ހުންނައިރު ކޭތަ ވީއްލާ ނިމޭނީ 12:24 ގައި ކަމަށް ލަފާކުރެވެއެވެ. އައްޑޫ ސިޓީއަށް ކޭތަ ހިފަން ފަށާނީ 09:50 ގައެވެ. ކޭތަ އެންމެ ފުރިހަމަ ވެފައި ހުއްޓާ ފެންނާނީ 10:44 ގައެވެ. އަދި ކޭތަ ވީއްލާ ނިމެނީ 11:44 ގައި ކަމަށް ލަފާކުރެވެއެވެ.

މައުމޫން ކޭތައެއް ހިފާތަން ބައްލަވަނީ

އިސްލާމިކް މިނިސްޓްރީން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކޭތަ ނަމާދު ކުރުމަށް ނިންމާފައެވެ. ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ.

މިއަހަރު ދެން ކޭތައެއް ހިފާނީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ.