ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުން ކުރިއަށް ގެންދަވާނެ ކަން އިއުލާން ކުރައްވާފައިވާ އެމެރިކާގެ މިހާރުގެވެސް ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިންތިހާބީ ކެމްޕޭން ރެލީތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރި ވަމުންދާ 6 މުވައްޒަފަކު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައިވާކަން، ޓްރަމްޕް ކެމްޕޭނުން ކަށަވަރު ކޮށްދީފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ޓަލްސާ ރެލީގެ ކަންކަން އިންތިޒާމު ކުރުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ކަމަށް ޚަބަރު ލިބެއެވެ.

ޓްރަމްޕް ކެމްޕޭންގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ ޓިމް މާޓާ ވިދާޅުވީ އިވެންޓްތަކުގެ ކުރިން ހުރިވާ މުވައްޒަފުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރާ ކަމަށާ، ޕޮޒިޓިވް ވެފައިވަނީ އެޑްވާންސްޓީމުގެ 6 މެމްބަރުން ކަމަށެވެ. އެއީ އެތައް ސަތޭކަ ޓެސްޓެއްގެ ތެރެއިން ޕޮޒިޓިވްވި އަދަދު ކަމަށާ، ކަރަންޓީނު ކުރުމުގެ އިޖުރާއަތުތައްވެސް ވަގުތުން ފުރިހަމަ ކޮށްފައިވާނެ ކަމަށް މާޓާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރެލީތަކަށް ވަދެވޭނީ ހުން ބެލިމަށް ފަހު، ހުއްދަ ދެވޭ ބަޔަކަށް ކަމަށާ، ރެލީއަށް ވަންނަ ފަރާތްތަކަށް ފޭސްމާސްކުގެ އިތުރުން ހޭންޑް ސެނިޓައިޒާވެސް ފޯރުކޮށްދެމުންދާނެ ކަމަށްވާ މާޓާ ވަނީ ވިދާލުވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓް ކުރަމުންދާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އޮންނައިރު، އިންތިހާބަށް ކެމްޕޭން ކުރައްވަން ރެލީތައް ކުރިއަށް ގެންދަވާނެ ކަން ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން 2.3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 121980 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.