ޚަބަރާ މައުލޫމާތު ހޯދުމަށް މާޒީ ނުދެކޭ ވަރުގެ ފަސޭހަކަން އަދު މިއޮތީ ލިބިފައެވެ. ނޫސް އަންނަންދެން މަޑުކުރާކަށް ނުޖެހެއެވެ. ޓީވީއިން ޚަބަރެއް ކިއާނެ ކަމުގެ އިންތިޒާރުގައި އިންނާކަށް ނުޖެހެއެވެ. ރޭޑިއޯ ސިގްނަލް ނުލިބިގެން ރުއްގަހަށް އަރާކަށް ނުޖެހެއެވެ. ހުރިހާ ޚަބަރަކާ މައުލޫމާތު އޮތި އަމިއްލަ މީހާގެ މުށު ތެރޭގައެވެ. ބަލާނީވެސް، ކިއާނީވެސް އެމީހަކު ބޭނުންވާ ޚަބަރެކެވެ. ހޯދާނީ އެމީހަކު ބޭނުން މައުލޫމާތެކެވެ.

ޕިއު ރިސާޗް ސެންޓަރުން 2017 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދުނިޔޭގެ އެންމެ މިނިވަން ޑިމޮކްރަސީ ކަމުގައި ސިފަކުރަމުން އަންނަ އެމެރިކާގެ ބޮޑެތި މީހުންގެ އާބާދީގެ 62 ޕަސެންޓް މީހުން ޚަބަރާ މައުލޫމާތު ހޯދަން ބަރޯސާވަނީ ޚަބަރު ޗެނަލްތަކާ ނޫސްތަކުގެ އޮންލައިން ޕްލެޓްފޯމަށެވެ. ވަކިން ހާއްސަކޮށް ފޭސްބުކްއާއި އެފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށެވެ.

ފޭސްބުކް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓިއިމާޖަޒް

މި ޕްލެޓްފޯމުތަކުގައި ޝާއިއުކުރަމުންދާ ޚަބަރުތަކަށް ބަލާލުމުން ފާހަގަވާނެ އެއް ކަމެއް އެބަ އޮތެވެ. އެއީ ޚަބަރުތަކުގެ ކޮމެންޓްސް ތްރެޑްއެވެ. ހިޔާލު ފާޅު ކޮށްފަ ނުކުރާނެ މީހަކު ނެތެވެ. ނުކުރާކަށް ކޮމެންޓެއްވެސް ނޯވެއެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ، މި ގޮތަށް ކޮމެންޓް ކޮށްފައި ހުންނަ ގިނަ މީހުންނަކީ މުޅި ޚަބަރު ނުވަތަ އާޓިކަލް ކިއާވެސް ނުލާ ކޮމެންޓެއް ކޮށްލާ މީހުން ކަމެވެ.

2016 ވަނަ އަހަރު ޔުނިވާސިޓީ އޮފް ޓެކްސަސްގެ ދިރާސާ ޓީމަކުން ކުރި މަސައްކަތުގެ ނަތީޖާއަށް ބަލާލަމާތޯއެވެ. މި ދިރާސާ ބުނާ ގޮތުގައި، ކޮމެންޓްކޮށްފައި ހުންނަ މީހުންގެ ތެރޭގައި، އެ ލިޔުމެއް ހަގީގަތުގައި ކިޔާފައިވަނީ ދެބައިކުޅަ އެއްބަޔަށް ވުރެވެސް މަދު މީހުންނެވެ. މި ފަދަ ޕްލެޓްފޯމުތަކުގައި މީހުންގެ ހަރަކާތްތައް ހުންނަ ގޮތަށް ބަލާއިރު، ކޮންމެ 5 މީހަކުން 1 އަކީ، ހަގީގީ ލިޔުން ކިއުމުގެ ބަދަލުގައި، ކޮމެންޓްތައް ކިއުމުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ކަމަށްވެސް މި ދިރާސާ ދައްކައެވެ.

މި ދިރާސާގެ އިތުރު ހޯދުންތަކަށް ބަލާއިރު، މިފަދަ ބުރަދަނެއް ނެތް ކޮމެންޓް ކުރުމުގައި އެންމެ ގިނައިން ހަރަކާތްތެރިވެފައިވަނީ ފިރިހެނުންނެވެ. އަދި އެއީ އެ ނޫހެއްގެ ހަގީގީ އޯޑިއަންސްގެ ރަމްޒެއް ނޫން ކަމަށްވެސް ބުނެވެއެވެ. އަދި މފަދައިން ކޮމެންޓް ކުރަމުންދާ މީހުންގެ ތެރޭގައި ތައުލީމީ ފެންވަރު ދަށް މީހުންނާ، ދަށް ފަންތީގެ އާމްދަނީ ލިބޭ މީހުންވެސް ހިމެނޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

ޓްވިޓާ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީއިމޭޖަޒް

ފަރަންސޭސިވިލާތާ އެމެރިކާގެ ޓީމަކުން ކުރި އިތުރު ދިރާސާއަކަށް ބަލާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޝެއާ ކުރަމުންދާ ޚަބަރާ މައުލޫމާތު އެކުލެވޭ ލިންކުތަކުގެތެރެއިން 59 ޕަސެންޓް ލިންކު ހިއްސާކޮށްފައިވަނީ، އެ ލިންކު ހިއްސާކުރި މީހާ އެއް ފަހަރުވެސް އެ ލިންކު ބަލާނުލައެވެ. އެބަޔަކު އެކަން ކުރަނީ ޚަބަރުގެ ސުރުޚީ އަށް ބަލައިގެން ނުވަތަ އެ ޚަބަރެއްގައި ނުވަތަ އެ ލިޔުމެއްގައި ޖަހާފައިވާ މަންޒަރަށް ބަލައިގެން ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

މިއީ ބޮޑެތި މައްސަލަތަކެކެވެ. ބައެއް ފަހަރު އެތައް ބަޔަކަށް ބޮޑެތި އޮޅުންތަކެއްވެސް އަރާ ހިސާބަށް ދާ މައްސަލަތަކެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ފެށި އެއް ބަޔަކީ ނޯވޭގެ ދައުލަތުން ހިންގާ ރޭޑިއޯއާއި ޓީވީ ސްޓޭޝަން 'އެންއާރްކޭ'އެވެ. ތަޖުރިބާ މަޝްރޫއެއްގެ ގޮތުގައި ފެށި މަޝްރޫއުގެ ދަށުން، އޮންލައިން ޕްލެޓްފޯމުގައި ލިޔުމަކަށް ކޮމެންޓް ކުރަން ބޭނުންވާ މީހާއަށް އެކަން ކުރެވެނީ އެ ޚަބަރެއް ނުވަތަ ހިއްސާކުރަން އުޅޭ ލިޔުމުގައިވާ މައުލޫމާތަކާ ގުޅޭ ދެތިން ސުވާލަށް ރަނގަޅު ޖަވާބު ދީގެން އެކަންޏެވެ. ނަމަވެސް ހެކަރުންގެ ހަމަލާ މިކަމަށްވެސް އަމާޒުވެ، ޖަވާބުތައް ލީކުވާ ގޮތް ހެދިއެވެ.

ކަންމިހެން އޮތްއިރު، މިއީ ފުރިހަމަ ހައްލެއް ބޭނުންވެފައިވާ ސީރިއަސް މައްސަލައެކެވެ. ދޮގު މައުލޫމާތުގެ ކަނޑެއްގައި ބަޔަކު ޣަރުގުވެގެންދާން ދޫކޮށްލެވޭކަށް ނެތެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހަގީގީ ޑިމޮކްރަޓިކް މާނައެއް ހޯދާދިނީ އިންޓެނެޓް ކަމަށްވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމު މެދުވެރިކޮށް، އެ ފުރުސަތު ނާޖާއިޒު ފައިދާ ނެގުމަކީ ނޭނގި ތިއްބާ ބޮޑު ނުރައްކަލަކާވެސް ކުރިމަތިލާންޖެހިދާނެ ވަރުގެ ކަމެއްކަން ގަބޫލުކުރަން ޖެހެއެވެ. މުޅި ލިޔުން ނުކިޔާ، ހިތުގައި ހުރި ހުރިހާ ޖަޒުބާތެއް ބަންޑުން ކޮށްލާ ޕްލެޓްފޯމަކަށް ޚަބަރާ މައުލޫމާތު ފަތުރާ ލިންކުތަކުގެ ކޮމެންޓް ސެކްޝަން ހެދުމަކީ އެއްވެސް މައްސަލައެއްގެ ހައްލު ކަމުގައި ނުވާއިރު، މިއީ ހައްލު ބޭނުންވެފައިވާ ބޮޑު މައްސަލައެކެވެ.