އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައި ވަނީ، ބައެއް ފަރާތްތަކުން އާންމު އެއްވުންތަކާއި އިހުތިޖާޖުތައް ރާވަމުންދާ ދަނޑިވަޅެއްގައެވެ. އެއްވުންތައް ރާވަމުން ދާއިރު، އާންމު ސިއްހަތަށް ކުރިމަތި ވެފައިވާ ނުރައްކަލުގެ ސަބަބުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން (ޑީޖީ) ވަނީ އެއްވުންތައް ނުބޭއްވުމަށް އަންގަވާފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައި ވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކަމަށް ޑީޖީ ވަނީ އަންގަވާފައެވެ. ނަމަވެސް މި އަމުރާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން މިހެން ބުނެފައި ވާއިރު، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށް ބުނެ، ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ނިންމާފައި ވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ އިތުރުން، ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށް ނަވާނަވައިއިން ވެސް ދަނީ، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި އެއްވުމެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.