އިންޑިއާ ބޯޑަރު ހުރަސްކޮށް، އެ ގައުމާ ވީ ސަރަހައްދަށް ބޭރުގެ އެއްވެސް ފަރާތަކުން ވަދެފައި ނުވާ ކަމަށާ، އިންޑިއާއާ ވީ ފަޅީގައި މިހާރުވެސް އެފަދަ އެއްވެސް މީހަކު ނެތް ކަމަށާ، އެ ސަރަހައްދުގައި ހުރި އިންޑިއާގެ ޕޯސްޓްތަކުގެ ކޮންޓްރޯލް ވެސް އެހެން ބައެއްގެ އަތްދަށު ނުވާ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން މިފަދަ ރޫހެއްގައި މޯދީ ވާހަކަފުޅު ދައްކަވާފައި މިވަނީ ޒަމާންވީ ހަތުރުންގެ ގޮތް އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޮޑަރު ސަރަހައްދުގައި ހުސްވި ހަފުތާ ތެރޭގައި ބަދަލު ކުރި އަސްކަރީ ހަމަލާތަކާ ގުޅިގެންނެވެ.

ޗައިނާއާއި ހިއްސާކުރާ ހިމާލަޔާސް ބޯޑަރު ސަރަހައްދުގައި، ޗައިނާގެ އަސްކަރީ ބާރުތަކުން އިންޑިއާގެ އަސްކަރިއްޔާގެ 20 މެމްބަރަކު މަރާލިކަމާ މެދު މުޅި ގައުމު އޮތީ އަނިޔާ ލިބި، ނަފްރަތުގެ ރުޅިވެރިކަމެއްގައި ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް، މޯދީގެ ވާހަކަފުޅު ހުރީ މާ ހަރުކަށި ރޫހެއްގައި ނޫންކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ލަދަކްގައި އަސްކަރީ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެންއައި

އިންޑިއާއާއި ޗައިނާއާ ދެމެދު ނުތަނަވަސް ވަމުންދާ ގުޅުމާ ބެހޭ ގޮތުން ސިޔާސީ މަސްރަހުގެ ބައިވެރިންނާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި މޯދީ ވަނީ އިންޑިއާގެ ދިފާއުގައި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަން، ސިޔާސީ ލީޑަރުންނަށް އަރުވާފައެވެ.

މޯދީގެ ވާހަކަފުޅު މިފަދަ ރޫހެއްގައި ހުރިއިރު މިއީ އިންޑިއާގެ ހާރިޖިއްޔާއިން މިހާތަނަށް ދައްކަމުން އައި ވާހަކަތަކާ ހިލާފު ވާހަކަފުޅުތަކެއްކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން މިދިޔަ ކުރިމަތިލުންތައް ފެށިގެން ދިޔައީ އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ބޯޑަރު ސަރަހައްދުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ގަލްވާން ވާދީއަށް ޗައިނާގެ އަސްކަރިއްޔާއިން ވަދެ، އެ ސަރަހައްދުގައި ބިނާވެށީގެ މަސައްކަތްތަކެއް ކުރުމުން ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް.ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ތަކުރާރު ކޮށް ބުނަމުންދަނީ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަން ޖެހޭނެ ބަޔަކީ އިންޑިއާ ކަމަށެވެ. ޗައިނާގެ ބާރުގެ ދަށަށް ގެންދިއުމަށްފަހު އިންޑިއާ އަސްކަރިއްޔާ 10 މެމްބަރަކު ދޫކޮށްލި ކަމަށް އިންޑިއާގެ މީޑިއާއިން ހަފުތާ ބަންދުގައި ކުރި ރިޕޯޓްތައްވެސް ޗައިނާއިން ދަނީ ދޮގު ކުރަމުންނެވެ.