ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ސަލާމަތްވުމަށް "ދިފާއީ އައްޑަނަ" އެއްގެ ގޮތުގައި ޔޯގާ ހެދުމަށް، ދުނިޔޭގެ ނިސްބަތުން 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުންދާ އިންޑިއާގެ ހިންދޫ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ 'ޔޯގާ ދުވަހާ' ދިމާކޮށް ޔޫޓިއުބް މެދުވެރި ކުރައްވާ، ދެއްވި ހާއްސަ މެސެޖެއްގައި މޯދީ ވިދާޅުވީ، ކޮވިޑް-19އިން ދިފާއުކޮށްދޭނެ ވެކްސިންއެއް ހޯދިފައި ނުވާއިރު މި ބައްޔަށް ވަކި ފަރުވާއެއްވެސް ދުނިޔޭގެ އެއްވެސް ހިސާބަކުން އަދި ފެނިފައި ނުވާކަމީ އެންމެންވެސް ދަންނަ ހަގީގަތެއް ކަމަށާ، މިހާލަތުގައި ކޮވިޑް-19އިން ސަލާމަތްވުމަށް ދިފާއި އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަންވީ ހަތިޔާރަކީ އިންޑިއާގެ 'ޒަމާންވީ އެކުވެރިޔާ' ނުވަތަ ޔޯގާކަމަށެވެ.
ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 21 ވަނަ ދުވަހެއެވެ. ބޮޑުވަޒީރު މޯދީއަކީ ޔޯގާ ޕްރޮމޯޓް ކުރެއްވުމުގައި ގިނަ ވަގުތުތަކެއް ހުސްކޮށްލައްވާ ލީޑަރެކެވެ. މޯދީ ވަނީ ޔޯގާއާއި އިންޑިއާގެ ގަދީމީ ބޭސްވެރިކަން ކުރިއެރުވުމުގެ ނަމުގައި ހާއްސަ ވުޒާރާއެއްވެސް ގާއިމު ކުރައްވާފައެވެ.
މި ވުޒާރާއިން ކޮވިޑް-19އަށް ބައެއް 'ފަރުވާ'ތައް ކިޔައިދީ، އެކަން ޕްރޮމޯޓްކޮށްވައިވާއިރު، އެމެރިކާގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ، އިންޑިއާގެ ވުޒާރާގެ ބަޔާންތަކަކީ ސައެންސްގެ ރޮނގުން އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. ކަންމިހެން އޮތްއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ ކޮވިޑް-19ގެ ފަރުވާއަކީ ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު) ކަމަށް ވިދާޅުވެ، އެ ޑްރަގް ޕްރޮމޯޓް ކުރައްވަމުންނެވެ. ނަމަވެސް އެއީ ނުރައްކާތަކެއް އެކުލެވޭ ބޭހެއް ކަމަށް ބުނެ، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަނީ އެ ބޭސް ބޭނުން ކުރުމާ ދެކޮޅަށްވެސް ވަކާލާތު ކުރައްވާފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް އަދި ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، ބަލިން ދިފާއުވާނެ ވެކްސިންއެއްވެސް އަދި ނުލިބެއެވެ. މިވަގުތަށް އޮތީ ޖިސްމާނީ ގައިދުރުކަން އިސްކުރުމާ، މާސްކު ބޭނުން ކުރުމާ ސާފުތާހިރުކަން އިސްކޮށް، ވީހާވެސް ގިނައެއްކޮށް ރަނގަޅަށް އަތް ދޮވުމެވެ.