ފާއުތިވީ 24 ގަޑިއިރު ތެރޭގައި އަވަށްޓެރި އިންޑިއާއިން ރެކޯޑް އަދަދެއްގެ ބަޔަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 13586 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު، މިއީ އިންޑިއާއިން ކޮވިޑް-19 ފެނިގެން އެންމެ ފުރަތަމަ ރިޕޯޓް ކުރި ފަހުން، މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސްވެސްމެއެވެ.

ކަންމިހެން އޮތްއިރު، ވެރިރަށް ނިއުދިއްލީގެ މަސްރަހުވެސް ދަނީ ނުތަނަވަސްވަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ދިއްލީގެ ސަރުކާރުން އެކުލަވާލާފައިވާ 5 މެމްބަރުންގެ ކޮމިޓީންވަނީ މިމަސް ނިމޭއިރު ދިއްލީން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 1 ލައްކައަށް އަރާނެ ކަމަށް ލަފާކޮށް، އެކަމުގެ އިންޒާރު ދީފައެވެ.

ދިއްލީން ވަނީ ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް އިތުރު ކޮށްފައެވެ. ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާ ވިދާޅުވީ އެންޓިޖެން ޓެސްޓުތައް ބުރާސްފަތި ދުވަހުވެސް 193 މަރުކަޒެއްގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. 7040 މީހަކު ޓެސްޓު ކުރިއިރު 456 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ދިއްލީން ދަނީ ކޮވިޑް-19ގެ ސާޖަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ބައެއް ރޭލުތައްވެސް މިހަރު ވަނީ ވަގުތީ ހޮސްޕިޓަލުތަކަށް ބަދަލުކޮށްފައެވެ.

މުޅި އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 381485 އަށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން 12605 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް އެންމެ ފަހުގެ ރެކޯޑްތަކުން ދައްކައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދަނީ އިންޑިއާއިންނެވެ.