އެމެރިކާގެ ތާރީހު ދުށް އެންމެ މަގުބޫލު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބަރާކް އޮބާމާގެ ވެރިކަމުގައި އެކުލަވާލި އިމިގްރޭޝަން ސިޔާސަތު ނިމުމަކަށް ގެނައުމަށް މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އޮބާމާގެ ވެރިކަމުގައި އެކުލަވާލި އިމިގްރޭޝަން ސިޔާސަތަކީ އެމެރިކާއަށް ހިޖުރަކޮށްފައިވާ ގިނަ އަދަދެއްގެ ޒުވާނުން އެ ގައުމުން ޑީޕޯޓްކޮށްނުލާ، ސަލާމަތްކޮށްދިން ސިޔާސަތެކެވެ. އެގޮތުން އެއްވެސް ކަހަލަ ލިޔެކިއުމަކާ ނުލާ، ކުޑަކުދިންގެ ގޮތުގައި އެމެރިކާއަށް އެތެރެވެފައި ތިބި 650000 އެއްހާ ހިޖުރަވެރި ޒުވާނުންނަށް މި ސިޔާސަތުން ހިމަޔާތް ލިބިދެނެވެ.

މި ސިޔާސަތު އުވާލުމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ސިޔާސަތު އުވާލުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުން ނިންމާފައިވަނީއެކަށީގެންވާ ހުއްޖަތެއް ދެއްކުމަކާ ނުލާ ކަމަށް ދަށު ކޯޓުތަކުން ކުރި ހުކުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ތާއީދު ކުރީ، 5 ފަނޑިޔާރުންގެ ރުހުމުގައެވެ. ޓްރަމްޕާ އެއްކޮޅަށް ވޯޓުދެއްވީ 4 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ ނިންމުންވީ، ޓްރަމަޕަށް 'ހަޖަމްކުރައްވަން' މާ ފަސޭހަ ކަމަކަށް ނޫނެވެ. އާންމު އުސޫލުން ޓްރަމްޕްގެ 'ޖަޒުބާތުތައް' ބޭރުކޮށްލެއްވީ ޓްވިޓާގައެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑުވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވަނީ، ސުޕްރީމް ކޯޓުގެ ނިންމުމަކީ 'ސިޔާސީ' ނިންމުމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ކަންމިހެން އޮތްއިރު އޮބާމާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ތައުރީފު ކުރައްވާފައެވެ. އަދި އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުންނަށް ހައްގު ނިޒާމެއް ދާއިމީ ގޮތެއްގައި ހަމަޖައްސާ ދެއްވުމަށްވެސް އޮބާމާ ވަނީ ނޮވެމްބަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓުންގެ ފަރާތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކާ، ކޮންގްރެސްއަށްވެސް ގޮވާލައްވާފައެވެ.