އދގައި އަދާކުރަމުންދާ މުހިންމު ދައުރުގައި ދިވެހިރާއްޖޭގެ އެއްބާރުލުން އެ ގައުމަށް ލިބޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށް އަވަށްޓެރި އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ފަރާތުން މިކަން ހާމަކޮށްފައި ވަނީ، އދގެ ލާމަތީ މަޖިލީހުގެ ދާއިމީ ނޫން-މެމްބަރު ކަމުގެ ގޮނޑި، އޭޝިއާ ޕެސިފް ސަރަހައްދުން އިންޑިއާ ކާމިޔާބު ކުރުމާއެކު އިންޑިއާއަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހީދު ކުރެއްވި ޓްވީޓަކާ ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައެވެ.

އދގެ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ބަހާ ކަމަށްވާ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން-މެމްބަރު ކަމުގެ ގޮނޑިތަކުން ގޮނޑިއެއް އިންޑިއާއިން ކާމިޔާބު ކުރީ 192 ވޯޓުގެ ތެރެއިން 184 ވޯޓު ކާމިޔާބު ކޮށްގެންނެވެ.

މި ފަހަކަށް އައިސް ދިވެހިރާއްޖެއިން ދަނީ ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ފާޅުގައި އިންޑިއާއާއި އެއްކޮޅަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން ހުސްވި މެއި މަހުގެ މެދަކާ ހިސާބުގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއްގައި، އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ދެއްކި ވާހަކަތަކަކަށް ދިވެހިރާއްޖެއިން ވަނީ އިންޑިއާގެ ދިފާއުގައި ވަރުގަދަ ރައްދެއް ދީ، ބައިނަލްއަގުވާމީ މުޖުތަމައު ސިއްސުވާލާފައެވެ. އިންޑިއާގެ ޚަބަރު ފަތުރާ ބައެއް މަސްދަރުތަކުން އޭރު ބުނި ގޮތުގައި، އޯއައިސީގެ ބައްދަލުވުމުގައި ޕާކިސްތާނުން މިފަދަ މަސައްކަތެއް ކުރާނެ ކަމުގެ މައުލޫމާތު، ދިވެހިރާއްޖެއިން އޮތީ ބައްދަލުވުމުގެ ކުރިން އިންޑިއާއާ ހިއްސާކޮށްފައެވެ. މިކަންވީ، ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއަށް ތާއީދު ހޯދުމަށް އެގައުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ދާއިރާއިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އިންޑިއާ ހޯދާފައިވާއިރު، މި ދައުރު ދެމިގެންދާނީ 2021 ވަނަ އަހަރާ 2022 ވަނަ އަހަރަށެވެ. މިއީ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް، އިންޑިއާއިން ކާމިޔާބު ކުރި 8 ވަނަ ފަހަރެވެ. އިންޑިއާއިން ވަނީ 1950-1951އަށް، 1967-1968އަށް، 1972-1973އަށް، 1977-1978އަށް، 1984-1985އަށް، 1991-1992އަށް އަދި މިފަހުން 2011-2012 އަށް، އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން-މެމްބަރުކަމުގެ ގޮނޑި ފުރާފައެވެ.