ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް، މި ހިނގާ 2020 ވަނަ އަހަރަކީ ކޮންމެ ގައުމަކަށްވެސް ހުރިހާ ގޮތަކުން ތަފާތު އަހަރެކެވެ. މި ލިސްޓުން، މި ކުޑަކުޑަ ދިވެހިރާއްޖެވެސް އިސްތިސްތާނާއެއް ނުވެއެވެ. ހަމަ ލޮލަށް ނުފެންނަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ފެންމަތިވި އިގުތިސޯދީ ކާރިސާއަކީ މި ރާއްޖޭގެ ދިގު މާޒީވެސް ނުދެކޭ ފަދަ ތަދުމަޑުކަމެކެވެ. ރާއްޖޭގެ އިގުތިސޯދު ބައްޓަން ކުރަމުން އައި މޮޑެލްގެ ނާޒުކުކަން އަންގައިދޭ ކާރިސާއެކެވެ. ހަލުވި ދުވެލީގައި އިގުތިސޯދު ކުރިއަރަމުން އައީ ފަތުރުވެރިކަމުގެ ލިބުނު އާމްދަނީއާއި، ބޭރުގެ އިންވެސްޓަރުންނާ، ބައިނަލްއަގުވާމީ މާލީ އެހީދޭ ފަރާތްތަކާއެކު ބަދަހިވަމުންދިޔަ ގުޅުންތަކާއެކުގައި ކަމަށް ވީ ނަމަވެސް، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ކާރިސާއާއެކު، މި ހުރިހާ ދޮރެއްހެން ދިވެހިރާއްޖެއަށްވެސް މިވަނީ ބަންދުވެފައެވެ.
ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅު އޮތީ ބިސްއެޅުން ހުއްޓާލާފައެވެ. އެތައް ދިވެހިންނަކާ، ރާއްޖޭގައި ވަޒަންވެރިވެ ތިބި ބިދޭސީ މަސައްކަތްތެރިންގެ އާމްދަނީގެ ދޮރުވަނީ ބަންދުވެ، އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައެވެ. ހަލުވިކަމާއެކު ކުރިއަރަމުން އައި އުމްރާނީ ބިނާވެށީގެ ސިނާއަތާ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރުކަމުގައިވި މަސްވެރިކަމުގެ ސިނާއަތުންވެސް އިވެމުންދަނީ ހީނަރުކަމުގެ އަޑުތަކެވެ. ރިސޯޓްތަކަށް މަސްވިއްކަމުން ދިޔަ ދިއުން ހުއްޓެނެވެ. ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ކުރިމަތީގައި ހަރަކާތެއް ނެތި، ކެމެރާ ލެންސް ލައްޕާލަން އޮތީ ޖެހިފައެވެ. ބެރުވެރިއަކު އޭނާގެ ހުށަހެޅުން ދައްކާލާނެ ސްޓޭޖެއް ނެތެވެ.
މޯލްޑިވްސް ޑިވަލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ)
މޯލްޑިވްސް ޑިވަލޮޕްމަންޓް އަޕްޓޭޑް (އެމްޑީޔޫ)އަކީ ރާއްޖޭގެ އިގުތީސޯދީ މަސްރަހާ، މާލީ ކުރިމަގަށް ތަފްސީލީ ނަޒަރަކުން ބަލާ، ވޯލްޑް ބޭންކު ގުރޫޕުން ތައްޔާރުކޮށް، އާންމު ކޮށްފައިވާ ދިރާސާއެކެވެ. ރާއްޖެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ އަދި މާލީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާ، ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ފޫބައްދާ ދިނުމަށް ތައާރަފު ކުރަމުންދާ އެހީގެ ޕެކޭޖުތަކާ އެކުގައިވެސް ރާއްޖޭގެ އިގުތިސޯދީ ކުރިމަގު އުޖާލާވާނެ ކަމުގެ މާބޮޑު ޔަގީން ކަމެއް އޮތް ކަމަކަށް އެމްޑީޔޫއެއް ނުބުނެއެވެ.
ވޯލްޑް ބޭންކު ގުރޫޕުން ބުނާ ގޮތުގައި ރާއްޖޭގެ އިގުތިސޯދީ އަދި މާލީ މަސްރަހު ހަމައަކަށް އެޅުން ބަރޯސާވަނީ، ފަތުރުވެރިކަމުގެ ސިނާއަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގައިގަންނަން ފެށުމުގެ މައްޗަށެވެ. ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ޖުލައި މަހު ހުޅުވާލުމާއެކު، އަހަރުގެ އެންމެ ފީކް ސީޒަންގެ ގޮތުގައި ސިފަކުރާ އަހަރު ނިމޭ ދުވަސްވަރަށް، ކޮންމެވެސް ވަރަކަށް ފަތުރުވެރިން، މި ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ވޯލްޑް ބޭންކު ގުރޫޕުން ލަފާކުރެއެވެ. ނަމަވެސް މީގެ ކުރިން ކުރިމަތިލާންޖެހުނު ކާރިސާތަކުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހޭދަވީ މުއްދަތަށްވުރެ ދިގު މުއްދަތެއް، މި ކާރިސާއިން އަރައިގަތުމަށް ބޭނުންވާނެ ކަމަށްވެސް ވޯލްޑް ބޭންކު ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ. 2001 ވަނަ އަހަރު އެމެރިކާއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި، 2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމަށްވުރެ ބޮޑު ހީނަރުކަމެއް، މިއަދު ކުރިމަތިވެފައިވާކަމަށް ވޯލްޑް ބެންކު ގުރޫޕުން ބުނެއެވެ.
އެމްޑީޔޫ އެކުލަވާލެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މުއްސަނިފު ފްލޯރިއަން ބްލޫމް ވިދާޅުވީ، ރާއްޖެ ހަމައަކަށް އެޅުމުގެ މަރުހަލާ، ކުރިއަށް އޮތް މަސްތަކާ އަހަރުތަކަށްވެސް ދެމިގެންދާނެ ކަމަށެވެ. ކަންމިހެން އޮތްއިރު، ވޯލްޑް ބޭންކު ގުރޫޕޫގެ ރިޕޯޓް އެކުލަވާލެއްވުމުގައި ކޯ-އޯތާއެއްގެ ގޮތުގައި ބްލޫމްއާއިއެކު މަސައްކަތް ކުރެއްވި ޕޫއީ ޝޭން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ރިސޯޓް ހިންގަމުން އަންނަ އާދަޔާ ހިލާފު ކޮންސެޕްޓަކީ، އެކަމުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ލިއްބައިދިނުމުގެ ފުރުސަތު ބޮޑު ކޮންސެޕްޓެއް ކަމަށެވެ. އެގޮތުން އެއް ރަށަކީ އެއް ރިސޯޓް ކަމަށް ބަލައިގެން އެކުލަވާލާފައިވާ ކޮންސެޕްޓްއަކީ، މިއަދުގެ އާންމު ހާލަތު ކަމުގައިވާ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމަށް އެހީވެދީ، ކާރިސާއިން އަރައިގަތުމަށް ބާރުދޭ ކޮންސެޕްޓެއް ކަން ވޯލްޑް ބޭންކު ގުރޫޕުގެ ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.
ފެހި އިގުތިސޯދު
ވޯލްޑް ބޭންކު ގުރޫޕުގެ އެމްޑީޔޫ އެނާލިސިސް ރިޕޯޓް ބުނާ ގޮތުގައި، ދިވެހި ރާއްޖޭގެ ނާޒުކު ވެއްޓާ، އަދު ކުރިމަތިލާންޖެހިފައިވާ ކާރިސާއަކީ ހިނދު ކޮޅަކަށްވެސް މަޑުޖެހިލާ، ހަކަތައިގެ ސިޔާސަތުތަކާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ދިވެހިރާއްޖެއަށް ލިބުނު އާދަޔާ ހިލާފު ފުރުސަތެކެވެ. ކޮވިޑް-19 ބަލިމަޑުކަން ނިމުމަކަށް އަތުވެދާނެ ކަމަށާ، ނަމަވެސް ދުނިޔެ ހޫނުވުމާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްސަލައަކީ ރާއްޖޭގެ އުދަރެހުން ދެން އެންމެ ގަދައަށް ފެންނާނެ މަންޒަރު ކަމަށް އެމްޑީޔޫ ބުނެއެވެ. މި މައްސަލައަކީ ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އައިސް މާއްދީ ގެއްލުމަކާ ކުރިމަތުކުރުވާ ކަމެއް އެކަނި ނޫން ކަމަށާ، މިއީ ގަނޑުތައް ހޫނުވެ، ކަނޑުގެ ދިރުންތައް މަރުވެ، ރާއްޖޭގެ ދެމި އޮތުމަށް މިއަދު ކޮންމެހެން ބޭނުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް، އެކަމެއްގެ މައްޗަށް އިންތިހާއަށް ބަރޯސާވެފައިވާ ކަނޑުތަކުގެ ދިރުންތަކާ އޭގެ ނާޒުކު ކަމަށް ގެއްލުން ދެނެވި މައްސަލައަކަށް ވެގެންދާނެ ކަމަށްވެސް ވޯލްޑް ބޭންކު ގުރޫޕުން ވަނީ އިންޒާރު ކޮށްފައެވެ.
ރާއްޖޭގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މި ގައުމުން ކުރާ ބޮޑު ހޭދައިގެ ވާހަކަ މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ޖިއޮގްރަފީ ގޮތުން އޮތް ގޮންޖެހުންތަކާއެކުގައިވެސް، މުޅި ގައުމަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ޝަރަފުގެ މެޑަލް ޖަހާލި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަކީ ރާއްޖެއެވެ. ނަމަވެސް ރާއްޖެއިން މި ޝަރަފު ހާސިލުކުރީ ބޮޑު އަގެއް ދައްކައިގެން ކަންވެސް ވޯލްޑް ބޭންކު ގުރޫޕުން ފާހަގަކުރެއެވެ.
ހަކަތައިގެ ސިނާއަތަށް ބަލާއިރު ރާއްޖެ މުޅިންވެސް ބަރޯސާ ވަނީ ފޮސިލް ފިއުލްއަށެވެ. ކަރަންޓު ގްރިޑްތަކަށް ހަކަތަ ދިނުމަށް ޑީސަލަށް ބަރޯސާވާވުން ވަކިން ބޮޑެވެ. މިފަދަ ފޮސިލް ފިއުލް އެނދުމަކީ ވައި ތަޣައްޔަރު ކުރުވާ ކަމެކެވެ. ރާއްޖޭން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 94 ޕަސެންޓް ހިއްސާކުރާ ކުރަނީވެސް މި ބީދައިން އަންދާ ފޮސިލް ފިއުލްއިންނެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް ބޮޑު މިންވަރެކެވެ. އަދި މިވަރުން ނިމުނީކީއެއް ނޫނެވެ. ގައުމަށް އިމްޕޯޓް ކުރާ މުދަލަގެ 5 ބައިކުޅަ 1 ބައި ހިއްސާކުރަނީ ހަކަތަ ހޯދުމަށް އަންދާ ފޮސިލް ފިއުލްއެވެ. އަނދާ ދަނީ ގައުމުގެ ބަޖެޓުން ބޮޑު މިންވަރެއްކަންވެސް ވޯލްޑް ބޭންކު ގުރޫޕުން ފާހަގަކުރެއެވެ. ކަރަންޓަށް ދޫކުރާ ސަބްސިޑީއާއިއެކުގައި، ދެކުނު އޭޝިއާ ސަރަހައްދުގައި ކަރަންޓުގެ އަގު އެންމެ ބޮޑު ގައުމަކީވެސް ދިވެހިރާއްޖެއެވެ.
ކަރަންޓަށް އޮންނަ ޑިމާންޑު، އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުން ދާއިރު، އިޔާދަ ކުރަނިވި ހަކަތައިގެ ސިނާއަތް ފުޅާ ކުރުމަށް އަދުގެ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 2023 ވަނަ އަހަރު އަންނައިރު ގައުމުގެ ހަކަތައިގެ ބޭނުންތަކަށް ނަގާ 20 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމުގައި ހަދާ، 2030 ވަނަ އަހަރު އަންނައިރު، މިއަދަދު 2030 ޕަސެންޓަށް އިތުރު ކުރުމުގެ މަސައްކަތް ރާއްޖެއިން ފަށާފައިވާކަން އެމްޑީޔޫގައި ވަނީ ފާހަގަކޮށްފައެވެ.
މި އަމާޒުތަކުގެ ފުރަތަމަ މަރުހަލާ ހާސިލު ކުރުމަށް 300 މިލިއަން ޑޮލަރު އަދި 2 ވަނަ މަރުހަލާ ހާސިލު ކުރުމަށް 1 ބިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭ ކަމަށާ، ނަމަވެސް ދިގު މުއްދަތަކަށް ބަލާނަމަ 2043 ވަނަ އަހަރު އަންނައިރު ޚަރަދާ ފައިދާގެ ފަރަގަށް ބަލާއިރު ބޮޑުވާނީ ފައިދާކަމަށްވެސް ވޯލްޑް ބޭންކު ގުރޫޕުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އިޔާދަ ކުރަނިވި ހަކަތައަށް ބަރޯސާވާން ފެށުމުން، ތެލަށް ކުރާ ހޭދައާއި ސަބްސިޑީޒްގެ އަގު ސަލާމަތް ކުރެވި، ބިނާކުރަނިވި އިތުރު ވަޒިފާގެ ފުރުސަތުތަކެއް، (ވަކުން ހާއްސަކޮށް އަންހެނުންނަށް) ހުޅުވިގެންދާނެ ކަމަށްވެސް ވޯލްޑް ބެންކު ގުރޫޕުން ފާހަގަކުރެއެވެ.
ކަންމިހެން އޮތްއިރު، އިޔާދަކުރަނިވި ހަކަތައިގެ އުސޫލުތަކަށް ބަދަލު ވުމަށް ކުރާ ހޭދައަކީ ހަމައެކަނި ސަރުކާރުން ކުރާ ހޭދައަކަށް ވާން ނުޖެހޭ ކަމަށް ވޯލްޑް ބޭންކު ގުރޫޕުން ބާރުއަޅައެވެ. އިޔާދަކުރަނިވި ހަކަތައިގެ ގުރިޑަށް ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކު ގުރޫޕުން ބާރު އަޅައެވެ. ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ފިސްކަލް ސިޔާސަތުތައް އެކުލަވާލަމުންދާއިރު، އެ ސިޔާސަތުތަކަކީ ތިމާވެއްޓާ މޫސުމާ ރައްޓެހި ސިޔާސަތުތަކަށް ހެދުމަކީ، މޫސުމީ ނޭދެވޭ ބަދަލިތަކުން ރާއްޖެއަށް އައިސްދާނެ ޝޮކްތަކުންވެސް ގައުމު ސަލާމަތް ކޮށްދޭނެ ސިޔާސަތުތަކަށް ވެގެންދާނެ ކަން ބްލޫމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސާފު ހަކަތައިގެ އިންވެސްޓްމަންޓްތަކަކީ، ރާއްޖޭގެ އިތިސޯދު 'ފިސާރި' ވަރުގަދައަށް ނެގެހެއްޓުމަށް ވެދޭނެ ބޮޑު އެހީއެއްކަންވެސް ވޯލްޑް ބޭންކު ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.