އާސަންދައިން ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވާ ބަލި މީހުން ފޮނުވޭނީ އިންޑިއާ އަދި ސްރީލަންކާގެ ބޯޑަރުތައް ހުޅުވުމުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދައިން ބުނީ، ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވާ ބަލިމީހުން މިވަގުތު ރާއްޖެއިން ބޭރަށް ނުފޮނުވެނީ، އާސަންދަ ސްކީމްގެ ދަށުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ދެގައުމު ކަމުގައިވާ، އިންޑިއާ އަދި ސްރީލަންކާގެ ބޯޑަރުތައް، ކޮވިޑް19 ގެ ސަބަބުން، ބަންދުކޮށްފައި ވާތީ ކަމަށެވެ. އިންޑިއާ ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލައި ބަލިމީހުން ގެންދިޔުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރުތައް ފަށާ ބަލިމީހުން ގެންދިއުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް އާސަންދައިން ބުނެއެވެ.

މި މަހުގެ 9 ވަނަ ދުވަހު އެންއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ އާސަންދައިގެ ދަށުން 37 ފަރާތެއް ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މަބްރޫކް ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތައް ލޮކްޑައުންގެ ހާލަތުގައި ވުމާ އެކު އެ ގައުމުތަކަށް ދަތުރުފަތުރު ކުރުން ވަނީ ހުއްޓިފައެވެ. މި ދަނޑިވަޅުގައި ރާއްޖެއިން ނުލިބޭ ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ފަރާތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ރާއްޖެ ގެނެސްގެން ގިނަ ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.