ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރު އޮފީސްތައް ހުޅުވާ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ދުވަހުގެ އިތުރަށް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ހަމަޖައްސަވާފަައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާގޮތަށް ހަމަޖެއްސެވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފައެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަން ވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހާ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެއްވުމަށްވެސް އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ކަނޑައަޅާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށަހެޅުމުން އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އެހެންކަމުން ސަރުކާރުގެ އޮފީހެއް ހުޅުވިނަމަ އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.