ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅޭ 2 ޖެނެޓިކް ވޭރިއޭޝަންއެއް ފާހަގަ ކުރެވިފައިވާކަމަށާ، އެ ގޮތުން، ބަލި ޖެހުމުން ބޮޑަށް ބަލިވެ، މަރުގެ ނުރައްކާ ބޮޑުވާ ބަޔަކާ، ލޭގެ ގުރޫޕާ ގުޅުމެއް އޮތް ކަމަށް ދެނެގަނެވިފައި ވާ ކަމަށް ވިލާތުގެ ސައެންސްވެރިންތަކެއް ބުނެފިއެވެ.

ދަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ މި ދިރާސާއަކީ، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ގެ އަސަރު ކުރމުން ބައެއް މީހުން އާދަޔާ ހިލާފަށް ބަލިވާއިރު، އަނެއް ބައެއްގެ ހަށިގަނޑުން ވަރަށް ކުޑަކޮށް ނުވަތަ އެއްވެސް ވަރަކަށް ބަލީގެ އަސަރު ނުފެންނަނީ ކީއްވެތޯ ކުރެވޭ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދޭ ދިރާސާއެކެވެ.

ކޮވިޑަށް ޓެސްޓް ކޮށްފައިވާ ސާމްޕަލެއްގެ ޕޮޒީޓިވް ނަތީޖާ / ފޮޓޯ: ސޯޝަލް މީޑިއާ

މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު އޭ-ގުރޫޕުގެ ލޭ ހުންނަ މީހުންނަށް ވައިރަހުގެ އަސަރު ކުރުމުން އެނޫން ގުރޫޕުތަކުގެ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް ވަރުގަދައެވެ. އަދި އޯ-ގުރޫޕުގެ މީހުންނަށް، އެނޫން ގުރޫޕުތަކުގެ މީހުންނަށްވުރެ ވައިރަހުގެ ރިސްކު ކުޑަ ކަމަށް މި ދިރާސާ ބުނެއެވެ.

ދިރާސާގެ އިތުރު ތަފްސީލުތަކަށް ބަލާއިރު، އޭ-ގުރޫޕުގެ ލޭ ހުންނަށް މީހުންނަކީ އެނޫން މީހުންނާ އަޅާ ބަލާއިރު ބައްޔަށް އިންފެކްޓްވުމުގެ ރިސްކު 45 ޕަސެންޓް ބޮޑު ބައެއް ކަމަށާ، އޯ-ގުރޫޕުގެ މީހުންނަކީ އެނޫން މީހުންނާ ބަލާއިރު ވައިރަހަށް އިންފެކްޓްވުމުގެ ފުރުސަތު 65 ކުޑަ ބައެއް ކަން ފާހަގަކުރެވެއެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ކަންމިހެން އޮތް ނަމަވެސް ލޭގެ ގުރޫޕާ ބަލީގެ އިންފެކްޝަންގެ ނުރައްކަލާ ދެމެދު ސީދާ ގުޅުމެއް އޮތްކަމަކަށް ދިރާސާ ކުރި ފަރާތުން ކަނޑައެޅިގެން ބުނެފައެއް ނުވެއެވެ. ދިރާސާ ޓީމަށް ފާހަގަކުރެވުނު 2 ޖެނެޓިކް ވޭރިއޭޝަންއަކީ، ބަލިޖެހޭ މީހާގެ ދިފާއީ ނިޒާމު ދޭ އިޖާބައާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ބައިނަލައަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންގެ ހާލު ނުރައްކަލަށް ވެއްޓިގެންދާ އެއް ހާލަތަކީ، ވައިރަހުގެ އަސަރު ކުރުމުން އެ ވައިރަހާ ދެކޮޅަށް ދިފާއީ ނިޒާމު މާ ގަދައަށް މަސައްކަތް ކުރަން ފަށާ، އަމިއްލަ ހަށިގަނޑާ ދެކޮޅަށްވެސް ހަނގުރާމަ ކުރަން ފަށާ ހިސާބު ނުވަތަ 'ސައިޓޯކިން-ސްޓޯމް'އެއް އުފެދޭ ހިސާބުންނެވެ.