އދގެ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ބަހާ ކަމަށްވާ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން-މެމްބަރު ކަމުގެ ގޮނޑިތަކުން ގޮނޑިއެއް، އަވަށްޓެރި އިންޑިއާއިން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.
15 މެމްބަރުންގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް އިންޑިއާއިން ކާމިޔާބު ކޮށްފައިވަނީ މިކަމަށްޓަކައި ހާއްސަކޮށްގެން އދގެ މަރުކަޒީ އިދާރާގައި ރޭގެ ވަގުތެއްގައިކ ކުރިއަށް ގެންދިޔަ އިންތިހާބުގައެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގެ ދާއިރާއިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އިންޑިއާ ހޯދާފައިވާއިރު، މި ދައުރު ދެމިގެންދާނީ 2021 ވަނަ އަހަރާ 2022 ވަނަ އަހަރަށެވެ. މިއީ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް، އިންޑިއާއިން ކާމިޔާބު ކުރި 8 ވަނަ ފަހަރެވެ.
އިންޑިއާއިންވަނީ 192 ވޯޓުގެ ތެރެއިން 184 ވޯޓު ކާމިޔާބު ކޮށްފައެވެ.
އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޓީ.އެސް. ތީރުމުރުތީ ވިދާޅުވީ، ސަލާމަތީ މަޖިލީހުން އިންޑިއާ ކަށަވަރު ކުރި މި ޖާގައަކީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ތަސައްވުރުގެ ހެއްކެއް ކަމަށާ، މި ކާމިޔާބިއަކީ ބައިނަލްއަގުވާމީ މައިދާނުގައި، ވަކިން ހާއްސަކޮށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިންޑިއާއިން އަދާ ކުރަމުންދާ ލީޑާޝިޕް ދައުރުގެ ރަމްޒެއް ކަމަށެވެ.
އިންޑިއާއިން މި ދައުރުގައި މަސައްކަތް ކުރަމުންދާނީ، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ކަށަވަރު ކުރުމަށް އެގައުމުން ފަށާފައިވާ ކެމްޕޭން ކާމިޔާބު ކުރުމަށް ކަމަށް ޚަބަރު ލިބެއެވެ. އިންޑިއާގެ އަމާޒަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައާއި ބަލިމަޑުކަމުން އަރައިގަތުމަށް ފަހުގައިވެސް އިންޑިއާގެ ލީޑާޝިޕް ސާބިތުކޮށްދީ، އިސްލާހީ ބަދަލުތަކެއް ބައިނަލްއަގުވާމީ ގުޅުންތަކުގެ ނިޒާމަށް ގެނެސްދިނުން ކަމަށްވެސް އިންޑިއާގެ ދާއިމީ މަންދޫބު ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާއިން ވަނީ 1950-1951އަށް، 1967-1968އަށް، 1972-1973އަށް، 1977-1978އަށް، 1984-1985އަށް، 1991-1992އަށް އަދި މިފަހުން 2011-2012 އަށް، އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން-މެމްބަރުކަމުގެ ގޮނޑި ފުރާފައެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރުންނަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 5 ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާ، ޗައިނާ، ފަރަންސޭސިވިލާތް، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. ދާއިމީ ނޫން-މެމްބަރުކަން ބަހަނީ: އެފްރިކާ އަދި އޭޝިއާގެ ދައުލަތްތަކަށް 5 ގޮނޑި، އިރުމަތީ ޔޫރަޕްގެ ދައުލަތްތަކަށް 1 ގޮނޑި، ލެޓިން އެމެރިކާ އަދި ކެރީބިއަން ދައުލަތްތަކަށް 2 ގޮނޑި އަދި ހުޅަނގު ޔޫރަޕާ އެހެނިހެން ދައުލަތްތަކަށް 2 ގޮނޑި ހަމަވާ އުސޫލުންނެވެ.