ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅިގެން މަޖިލީހުން ފާސްކުރީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އައުމަށާއި، ފްލައިޓުތައް ޖެއްސުން ފަދަ ކަންކަމަށް ނަގަމުން އައި ފީއެއް ނުވަތަ ޓެސްއެއްގެ އިތުރުން އެއްވެސް ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށެވެ. އަދި ކަރަންޓީނު ނުވެ، ފަތުރުވެރިންނަސް ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައި ދިނުމަށެވެ.

މަޖިލީހުން ލަފާ އެރުވީ މި ގައިޑްލައުންގެ ފުރަތަމަ ދެލިކޮޕީ މާފަންނު މެދު ދާއިރަގެ މެންބަރު އިބްރާހިމް ރަޝީދާއި، މަތިވެރި ދާއިރަގެ މެންބަރު ހަސަން ޒަރީރާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ އިތުރުން ރައީސް ނަޝީދު ހިއްސާ ކުރައްވާފައިވާ ހިޔާލުތައް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުންގެ ރިޕޯޓާއެކު އެއް ކަރުދާސްކޮށްފައެވެ.

މަޖިލީހުގެ ފަރާތުން ރައީސް ސޯލިހަށް ލަފާ އެރުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ސޭފް ޓުޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން މަޖިލީހުގެ ލަފާ ރައީސް ސޯލިހަސް އަރުވާފައި ވާއިރު، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ފުރަތަމަ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ވަނީ ސޭފް ޓޫރިޒަމް ގައިޑްލައިންގެ ކަރުދާސް ރައީސް ސޯލިހަށް އަރުވާފައެވެ.

އެގޮތުން ރައީސް ސޯލިހް ވަނީ ސޭފް ޓޫރިޒަމް ގައިޑްލައިނާ ބެހޭގޮތުން ދެން އަންނަ ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ބައްދަލުވުމުގައި ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.