ދައުލަތުގެ ބަޖެޓަށް 1 ބިލިއަން ޑޮލަރުގެ އުނިކަމެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގައި މައުލޫމާތު އޮޅުންފިލުއްވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މި ޓާސްކްފޯސްގައި ހިމެނޭ 3 ވޯކިން ގްރޫޕްކަމަށްވާ، ވޯކިންގް ގްރޫޕް އޮން ފައިނޭންސް، ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓާގެ ވޯކިންގް ގްރޫޕުން އެ ވޯކިން ގްރޫޕުތަކާއި ހަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިޔަށްގެންދަވަން ރާއްވާފައިވާ ގޮތްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން އިގްތިސޯދީ ގޮތުން ލިބުނު ގެއްލުންތައް ދައުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އެގޮތުން 1 ބިލިއަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެ ކަމަށެވެ. އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ހަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19: ޓަސްކްފޯހުގެ ބައްދަލުވުން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ހުށަހެޅި ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކޯވިޑާ ގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި، އިގްތިސޯދު ނެގެހެއްޓުމާއި، އިގްތިސޯދީ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެ މުހިންމުކަންދޭނެ ދާއިރާތއް ހިމެނެއެވެ. އަދި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނާއި، ސޯޝަލް ސެކްޓަރއިން ސިއްހީ ދާއިރާ ވަރުގަދަކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީފޯރު ކޮށްދިނުމާއި އަދި ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ރައީސް ސޯލިހް ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް ސިއްހީ ދާއިރާގެ ގާބިލުކަން އިތުރު ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ބައްޔާގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައީސް އޮފީސް

ޓާސްކްފޯހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވޯކިން ގްރޫޕުން ހިއްސާ ކުރި 3 ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް މިނިސްޓާ އޮފް ޓޫރިޒަމް އަލީ ވަހީދު ހުށަހެޅުއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯސްގެ މިއަދުގެ ބައްދަލުވުމުގައި 3ވޯކިން ގުރޫޕުން ހުޅަހެޅުއްވި ހުށަހެޅުންވުންތަކާއި އަދި މިއަދު ހުށަހެޅުއްވި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން އިއުލާނުކުރައްވާފައެވެ.