ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ފަރުވާއެއްގެ ގޮތުގައި ގެރީގެ ލެއިން ޕްލާޒްމާ ނަގައިގެން ތަރައްގީ ކުރަމުން އަންނަ އެންޓިބޮޑީ ޓްރީޓްމަންޓް، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ނިންމައިފިއެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ސައުތު ޑަކޯޓާގައި ތަރައްގީ ކުރަމުން އަންނަ މި ފަރުވާ، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ފަށާނީ އަންނަ މަހު ކަމަށް ޚަބަރު ލިބެއެވެ.
ގެރީގެ ލެއިން ނަގާ ޕްލާޒްމާއޭ ދެންނެވި ކަމުގައި ވީ ނަމަވެސް މިއީ އާދައިގެ ގެރިއެއްގެ ވާހަކައެއް ނޫނެވެ. ސީއެންއެންއިން ރިޕޯޓްކުރާ ގޮތުގައި މި ގެރިތަކަކީ ސައެންސްވެރިން އޭގެ ޖީންތަކާ ކުޅެފައިވާ ގެރިތަކެކެވެ. އެގޮތުން މި ގެރިތަކުގެ ދިފާއީ ނިޒާމުގެ އެއްބަޔަކީ އިންސާނާގެ ދިފާއީ ނިޒާމުގެ ބައެއް ކަމަށް ސީއެންއެންގެ ރިޕޯޓްގައިވެއެވެ. ނަތީޖާއެއްގެ ގޮތުން މި ގެރިތަކުން ކޮވިޑް-19އާ ދެކޮޅަށް އުފައްދަނީ އިންސާނީ އެންޓިބޮޑީޒް ކަމަށާ، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2)އާ ހަނގުރާމަ ކުރުމަށް މި އެންޓިބޮޑީތައް ޑްރަގަށް ބަދަލު ކުރާ ކަމަށް ސީއެންއެންގެ ރިޕޯޓްގައިވެއެވެ.
ސާބް ބައޯތެރަޕިއުޓިކްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ އެޑީ ސަލިވަންއާއި ހަވާލާދީ ސީއެންއެންއިން ބުނީ، ކޮވިޑް-19 ޖައްސާ ވައިރަސް ނެތިކޮށްލާ އެންޓިބޮޑީޒް އުފައްދަމުނ ދަނީ ލެބްތަކުގައިވާ ގެރިތަކަކުން ކަމަށެވެ. ދެން އޮތީ ކްލިނިކަލް ޓްރަޔަލް ނުވަތަ އިންސާނާގެ ހަށިގަނޑުގައި މި އެންޓިބޮޑީޒް ޓެސްޓު ކުރުން ކަމަށްވެސް ސާބް ބައޯތެރަޕިއުޓިކްސްއިން ފާހަގަކުރި ކަމަށް ރިޕޯޓްގައިވެއެވެ.
މި ގެރިތަކުން އުފައްދާ އެންޓިބޮޑީޒް އިންސާނުންގެ ހަށިގަނޑުގައި ތެސްޓު ކުރަން ހަމަޖެހިފައިވާއިރު މި ދިރާސާގައި ބައިވެރި ކުރާނީ ކިތަށް މީހުން ކަމެއް، އަދި މި ދިރާސާ ދެމިގެންދާނީ ކިހާ މުއްދަތަކަށް ކަމެއްވެސް ސާބް ބައޯތެރަޕިއުޓިކްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ ޒާތެއްގެ ޕްލާޒްމާ ތެރަޕީއެކެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް ފަހު އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް ނަގާ، ކާމިޔާބު ކަމާއެކު އެ އެންޓިބޮޑީތައް ކްލޯން ކޮށްފައި ވާކަމަށް މި ބަލިމަޑުކަން އެންމެ ފުރަތަމަ ފެންމަތިވި ޗައިނާއިން ވެސް ވަނީ މީގެ ކުރިން ރިޕޯޓްކޮށްފައެވެ.