ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު އިންޑިއާއަށް ކޮށްފައިވާ އަސަރުތަކަކީ، ބައެއް އެހެން ގައުމުތަކަށް ފޯރިހާ ބޮޑު ނޭދެވޭ އަސަރުތަކެއް ނޫން ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޗީފް މިނިސްޓަރުންނާ، 21 ސްޓޭޓާ ޔޫނިއަން ޓެރިޓަރީތަކުގެ އިސްވެރިންނާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރި ކުރައްވާ ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ކޮވިޑް-19ގައި އިންޑިއާއިން މަރުވާ މީހުންގެ ނިސްބަތްވެސް އޮތީ ދަށުގައި ކަން ފާހަގަ ކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، އިންޑިއާގެ އިގުތިސޯދުންވެސް އެދެވޭ ސިގުނަލްތަކެއް ލިބެން ފަށާފައި ވާ ކަން ފާހަގަ ކުރައްވާފައެވެ. ފާއިތުވެދިޔަ މަދު ހަފުތާތަކުގެ ތެރޭގައި ލެވުނު ހިތްވަރުގެ ސަބަބުން، އިގުތިސޯދުން އާ ކުރިތަކެއް ރޯވާން ފަށާފައިވާކަމަށް މޯދީ ވަނީ ސިފަކުރައްވާފައެވެ.

ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ތަންފީޒު ކުރަމުންދިޔަ ލޮކްޑައުންއަށް ލުއި ދީ، 'އަންލޮކް 1' ގެ ނަމުގައި ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާއިރު، މޯދީ ވިދާޅުވީ ކޮންމެ ކާރިސާއަކުން އަރައިގަތުމަށްވެސް އެންމެ މުހިންމު ރަނގަޅު ވަގުތުގައި ނިންމުންތަކެއް ނިންމުން ކަމަށެވެ. އެގޮތުން ރަނގަޅު ވަގުތުގައި އެޅުނު ފިޔަވަޅުތަކާއެކު އިންޑިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޮޑު އެހީއަކަށް ވި ކަން މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

މޯދީގެ ވާހަކަފުޅުތައް މިފަދަ ރޫހެއްގައި ހުރި ކަމުގައި ވީ ނަމަވެސް، އިންޑިއާއިން ލިބެމުންދާ ތަފާސް ހިސާބުތަކުން ދެނީ އެހެން މެސެޖެކެވެ. ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 344527 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 154139 ކޭހެއް ރެކޯޑް ކޮށްފައިވާއިރު މީގެ ތެރޭގައި ސީރިއަސް/ކުރިޓިކަލް ހާލުގައި އޮތް 8944 ޕޭޝަންޓަކު އޮތްކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 9924 އަށް އަރާފައެވެ.

އިންޑިއާގައި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ސްޓޭޓް ކަމަށްވާ ޓެމިލް ނާޑޫއިންވަނީ ލޮކްޑައުންގެ އަމުރު އަލުން ތަންފީޒު ކުރަން ފަށާނެ ކަން ހާމަކޮށްފައެވެ. އެގޮތުން ޗެންނާއީވެސް ހިމެނޭ ގޮތަށް ޓެމިލް ނާޑޫގެ ބޮޑެތި ޑިސްޓްރިކްޓްތައް ހިމެނޭނެ ހެން މިމަހުގެ 19 އިން ފެށިގެން މި މަހުގެ ނިޔަލަށް ފުރިހަމަ ލޮކްޑައުން އަމުރެއް ތަންފީޒު ކުރާނެކަން ޓެމިލް ނާޑޫއިން ވަނީ ހާމަކޮށްފައެވެ.