މީލާދީން 1918 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ސްޕެނިޝް ފްލޫގެ ވާހަކައަކީ މިއަދު އަޅުގަނޑުމެންނާ ބީރައްޓެހި ވާހަކައަކަށް ނުވާނެއެވެ. ސްޕްނިޝް ފްލޫއަކީ، އަދު ދުނިޔެ ދެކެމުން މިދާ ފަދަ ބަލިމަޑުކަމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 މިލިއަނެއްހާ މީހުންގެ ފުރާނަ ގެއްލިގެން ދިޔަ ހިތްދަތި ބަލިމަޑުކަމެކެވެ.

އަދާ ޖެހެންދެކަށް އިންސާނީ ހަޟާރާތުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި ބަލަމުން އައީ އިސްވެ ބަޔާން ކުރެވުނު ސްޕެނިޝް ފްލޫއެވެ. 15 މަހެއްހާ ދުވަހަށް ދެމިގެންދިޔަ އެ ބަލިމަޑުކަމުގައި 500 މިލިއަން މީހުންނަށް ބަލީގެ އަސަރު ކުރިއެވެ. ބަލީގެ އަސަރުތައް އިތުރު 2 އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ކަމަށް ތާރީހު ބުނެއެވެ.

ކޮވިޑް-19ގައި 4 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒީލްއިން (1 ޖޫން 2020)/ފޮޓޯ: ފްރާންސް24

ފާހަގަކުރަން ޖެހޭ ކަމަކީ، ސްޕެނިޝް ފްލޫގެ ބަލިމަޑުކަމުގެ ފުރަތަމަ ރާޅަކީ އިންތިހާ ނުރައްކާ ރާޅަކަށް ނުވި ކަމެވެ. ފުރަތަމަ ރާޅުގެ އޮޔެގަނޑުގައި ފެނިގެންދިޔައީ ގަދަ ހުމާ، ވާނުވާ ނޭނގޭ އުނދަގޫތަކެއް ކުރުވުން ފަދަ އަލާމާތްތަކެކެވެ. ބަލިމަޑުކަމުގައި މީހުން މަރުވަމުންދިޔައީ މޫސުމީ ރޯގާއެއްގައިވެސް މީހުން މަރުވަމުންދިޔަ ރޭޓުގައެވެ.

މަސްރަހު ބަދަލުކޮށްލީ ސްޕެނިޝް ފްލޫ ޖެއްސި ވައިރަސް އިތުރަށް ބާރުގަދަވެ، ބަދަލުވެ، އަލުން އަރައިގެން އައި ފަހުންނެވެ. ބަލީގެ ފުރަތަމަ އަލާމާތްތައް ފެންނަން ފަށާތާ 24 ގަޑިއިރު ތެރޭގައި އެމީހަކު މި ދުނިޔެއާއި ވަކިކޮށްލަމުން ދިޔައެވެ.

މީގެކުރިން ކޮވިޑް19 ޖެހިގެން މަރުވި މީހަކު ވަޅުލަނީ / ފޮޓޯ: އެމްއެންޑީއެފް

މިއަދު ދުނިޔެ މިއޮތީ ހަމަ އެފަދަ ހާލެއްގައެވެ. ގޮތް ނޭނގޭ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2)ގެ ޝިކާރައަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ގައުމުވެ، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8.1 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. 4 ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި ހިނގައްޖެއެވެ. ބަލިން ދިފާއުވާނެ ވެކްސިންއެއް ހޯދިފައި ނުވާއިރު، ދޭނެ ވަކި ފަރުވާއެއްވެސް އަދި ނުފެނެއެވެ.

ސާސްކޯވް-2 ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ އަދިވެސް ތަޖުރިބާ ކުރަމުންދަނީ ފުރަތަމަ ރާޅެވެ. ބައެއް ގައުމުތަކުން ފުރަތަމަ ރާޅުގެ ޕީކަށްވެސް އަދި ނުދެއެވެ. ވީއިރު، ދެވަނަ ރާޅެއްގެ ބިރުވެރިކަން ތަސްވީރުކޮށްލަންވެސް ދައްޗެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ ސްޕެއިންއިން މަރުވި މީހުންގެ ގަބުރުތައް ސަންދޯއްތަކުގައި ބާސެލޯނާގެ މޯޗަރީއެއްގަ/ފޮޓޯ: ޕަބްލޯ މިރާންޒޯ

މިވަގުތަށް އޮތީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކޮށް، ސާފުތާހިރުކަން އިސްކުރުމެވެ. ރައްކާތެރި ގޮތުގައި މާސްކު އެޅުމެވެ. އިގުތިސޯދީ މަންފާއަކަށްޓަކައި ބައެއް ފިޔަވަޅުތަކަށް ލުއި ދީފައި އޮތެއް ކަމަކު، ފާއިތުވީ 3 މަހެއްހާ ދުވަހު ތަޖުރިބާކުރި ލޮކްޑައުންގެ އަމުރުތަކަށް އިހުތިރާމުކޮށް، ފަރުދެއްގެ ހައިސިއްޔަތުން އިންސާނިއްޔަތުކަމުގެ ޒިންމާ އަދާ ކުރުމެވެ. މަޒީއިން އިބްރަތް ހާސިލުކޮށް، ވައިރަހުގެ މައްޗަށް ގަދަވުމެވެ.