ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިންގެ ތަރައްގީއަށާ އެކުދިންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާއާއި މަތިކޮށްފައިވާ އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް) އަކީ އެ އިދާރާގެ އަމިއްލަ އިހުތިސޯސްގެ ތެރޭގައި މައްސަލަތައް ތަހުގީގު ކުރާ އިދާރާއެއް ނޫންކަމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނިސެފްގެ ގޮފި (ޔުނިސެފް މޯލްޑިވްސް) އިން ބުނެފިއެވެ.

ވޭތުވި 2 މަސް ދުވަހުގެ ތެރޭގައި ވިހެއުމުގައާއި ބަނޑަށް ކުދިން މަރުވެފައި ވަނީ އިހުމާލެއް ގޮތުގައި ކަނޑައަޅާ، އެ މައްސަލަ ތަހުހީގު ކޮށްދިނުމަށް ޔުނިސެފް އަދި ޑަބްލިއުއެޗްއޯއަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫން ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެން ދަ ޕްރެސްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޔުނިސެފް މޯލްޑިވްސްއިން ބުނީ، ޔުނިސެފްއަކީ އަމިއްލައަށް މިފަދަ ތަހުގީގުތައް ކުރިއަށް ގެންދާނެ ބައެއް ނޫންކަމަށާ، ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގައި، ކަމާބެހޭ ގައުމީ އިދާރާތަކާ ގުޅިގެން ތަހުގީގުތައް ކުރިއަށް ގެންދާނެ ބައެއް ކަމަށެވެ.

ވިހެއުމުގައި މަރުވާ ކުދިންގެ އަދަދު ރާއްޖޭގައި މަދުކުރެވިފާ ވާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށާ، ނަމަވެސް ވޭތުވެ ދިޔަ 2 މަސް ދުވަހުގެ ތެރޭގައި 5 ކުދިން މަރުވެފައިވާ ކަމާ، އޭގެ ތެރޭގައި ވިހެއުމުގައި މަރުވެފައިވާ ކުދިންނާއި ބަނޑަށް މަރުވެފައިވާ ކުދިން ހިމެނޭ ކަމަށާ، އެކަންކަމަކީ އިހުމާލުން ވެފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވެ ގައްސާން ވަނީ ޓްވީޓްއެއް ކުރައްވާފައެވެ. އަދި މިކަން ތަހުގީގު ކޮށްދިނުމަށްވެސް އޭނާ ވަނީ ޔުނިސެފް އަދި ޑަބްލިއުއެޗްއޯއަށް ގޮވާލައްވާފައެވެ.

ޔުނިސެފް މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އާންމު އުސޫލުން ބަލައިގެންފައިވާ އިޖުރާއަތުތަކެއް އެބަހުރި ކަމަށާ، ނަމަވެސް މި ކޭސް ތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއާއިއެކު ޔުނިސެފުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

މިފަދަ ހާލަތުގައި ދުނިޔެއާއި ވަކިވެދާ މައިންނާ ދަރިންގެ އަދަދު މަދުކުރުމަށް އެންމެ މުހިންމު ކަމަކީ، މާބަނޑު މީހުންނާ ކުޑަކުދިންނަށް ލިބިދޭންޖެހޭ ސިއްހީ ފަރުވާ، ހުރަހެއް ނެތި ވަގުތުން ވަގުތަށް ފޯރުކޮށްދެވުން ކަމަށްވެސް ޔުނިސެފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.