ހެލްތް އިންޑިކޭޓާޒް ނުވަތަ އާބާދީގެ ސިއްހީ ހާލަތު ނުވަތަ ސީއްހީ ނިޒާމުގެ ކަންކަން ކުރިއަށްދާ ގޮތުގުގެ ހުލާސާ މައުލޫމާތުގެ ރަމްޒީ ފާހަގަތަކުގެ ހާލަތު މިހާރަށްވުރެ ގޯސް ހާލަތަކަށް ހިނގައިދާނެ ކަމުގެ ނުރައްކަލާ ބެހޭ ގޮތުން ގައުމީ ފެންވަރުގެ ބައިވެރިންނާ އެކު މަޝްވަރާ ކުރެވިފައި ވާނެ ކަމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ، ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް މޯލްޑިވްސް) އިން ބުނެފިއެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި އަލަށް އުފަންވާ ތުއްތު ކުދިންނާ، މައިމީހާގެ ބަނޑަށް މަރުވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ އައުމާ ގުޅިގެން ދަ ޕްރެސްއިން ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެމުން ޔުނިސެފް މޯލްޑިވްސްއިން ބުނީ، މި ފަހުން ހިނގާދިޔަ މިފަދަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ރަސްމީ ފަރާތްތަކުން ތައްޔާރުކުރާ އެލަނިސިސް ރިޕޯޓަކަށް އިންތިޒާރު ކުރާ ކަމަށާ، މި ސީރިއަސް މައްސަލައާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް އެފަދަ ރިޕޯޓަކުން ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ނިއޯނޭޓަލް (ފުރަތަމަ 28 ދުވަސް) މޯޓާލިޓީ، އިންފަންޓް (1 އަހަރުން ދަށް) މޯޓާލިޓީ އަދި ޗައިލްޑް (5 އަހަރުން ދަށް) މޯޓާލިޓީ އަކީ މުޖުތަމައުގެ އާންމު ސިއްހީ ހާލަތު ވަޒަން ކުރަން މުހިންމު ފާހަގަތަކެއް ކަމަށާ، 1990ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި 5 އަހަރުން ދަށުގެ ކުދިން މަރުވާ ރޭޓް ދަށަށް ދާ ކަމަށާ، މިއަދަދު މިހާރު އުޅެނީ ކޮންމެ 1000 ކުއްޖަކަށް 10 ކުދިންގެ ރޭޓުގައި ކަން ޔުނިސެފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.

ކުދިން މަރުވާ ރޭޓް ނުވަތަ މޯޓާލިޓީ ރޭޓް ހިސާބު ކުރަނީ އުފަންވާ ކޮންމެ 1000 ކުއްޖަކަށް ބަލައިގެން ކަމަށްވެފައި، ރާއްޖެއަކީ ނިސްބަތުން ބަލާއިރު ކުޑަ އާބާދީއެއް އޮތް ގައުމަކަށް ވުމުން، ރާއްޖޭގެ މޯޓާލިޓީ ރޭޓް އިތުރުވުމުގެ ފުރުސަތު އެބައޮތްކަންވެސް ޔުނިސެފް މޯލްޑިވްސްއިންވަނީ ދަ ޕްރެސްއާއި ވާހަކަދައްކަމުން ފާހަގަކޮށްފައެވެ.