ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރާއެކު ފާއިތުވި ދުވަސްތަކުގައި ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި މަންޒަރު ފެނިގެންދިޔަ ކަމަށާ، ރައްކާތެރި ކަމާއެކު ފޯރުކޮށްދެވޭ އަސާސީ ސިއްހީ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު މިހާރުން މިހާރަށް ތަނަވަސްކޮށްދެވެން ޖެހޭ ކަމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް މޯލްޑިވްސް) އިން ގޮވާލައިފިއެވެ.
ލޮކްޑައުންގެ މުހުލަތުގައި ކައިރި ކައިރީގައި ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ދަ ޕްރެސްއިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދާރީވަމުން ޔުނިސެފް މޯލްޑިވްސްއިން ބުނީ ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭ އެންމެ ފުރިހަމަ އަސާސީ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު މިހާރުން މިހާރަށް ތަނަވަސްކޮށްދޭން ޖެހޭ ކަމަށާ، ނޫންނަމަ ކުޑަކުދިންގެ ސިއްހަތާ އެކުދިންގެ ހެދިބޮޑުވުމާ ގުޅިގެން ދިވެހިރާއްޖެއިން މިހާތަނަށް ހޯދި ކުރިއެރުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާތަން ފެންނަން ފަށާފާނެ ކަމަށެވެ.
ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ލަފާކުރާ ގޮތުގައި ކޮވިޑް-19ގެ ހިޔަނީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް 116 މިލިއަން ކުދިން އަލަށް އުފަންވާނެއެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނުތާ 40 ހަފުތާގެ މުހުލަތުގެ ތެރޭގައި އުފަންވާނެ ކަމަށް ލަފާކުރާ ކުދިންނެވެ. މި މުއްދަތުގައި ދަރިއަކު އުފަން ކުރާ މައިންނާއި، އެ މައިންގެ ބަނޑުން އުފަންވާ ދަރިން ތަހައްމަލު ކުރަމުން ދަނީ ދަތި އުނދަގޫ ވޭންތަކެއްކަން ޔުނިސެފްއިން ފާހަގަ ކުރެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ލޮކްޑައުންއާއި ކާފިއުގެ އަމުރުތަކުގެ އިތުރުން، ސިއްހީ ހިދުމަތްދޭ ތަންތަނަށް ކުރިމަތިވާ ޕްރެޝަރަކީ ވެސް ފާހަގަ ކުރަން ޖެހޭ ކަންކަމެވެ.
ޔުނިސެފްގެ ޑައިރެކްޓާ ޖެނެރެލް ހެންރިއެޓާ ފޯ ވިދާޅުވީ، މިއަދު މާބަނޑު ހާލުގައި ތިބި އެތައް މިލިއަން މީހުންނަކީ ދުނިޔެ އިހު އޮތް އާންމު ހާލަތުގައި ބަލިވެއިން މީހުން ކަމަށެވެ. ނަމަވެސް މިއަދު އެމީހުންނަށް ކުރިމަތިލާން ޖެހިފައި ވާ ހާލަކީ، ދަރިއަކު އުފަން ކުރުމަށް ސިއްހީ ހިދުމަތްދޭ ތަނަކަށް ފިޔަވަޅެއްވެސް އަޅަން ބިރު ގަންނަ ހާލަތެއް ކަމަށެވެ. ނުވަތަ، ލޮކްޑައުންއާ އެނޫންވެސް ކޮވިޑް-19އާ ގުޅުން ހުރި ކަމެއްގެ ސަބަބުން، ކުއްލި ހާލަތުގައި ލިބެންޖެހޭ ސިއްހީ ފަރުވާއިން މަހްރޫމު ކުރެވިފައިވާ ބިރުވެރި ހާލެއްގައި މާބަނޑު މީހުން ތިބިކަން ފޯ ފާހަގަ ކުރެއްވިއެވެ.
ކޮވިޑް-19ގެ ސަބަބުން އެނޫން މީހަކާ އަޅާ ބަލާއިރު މާ ބަނޑު މީހަކަށް ވަކި އިތުރު ނުރައްކަލެއް ކުރިމަތި ނުވި ކަމުގައި ވީ ނަމަވެސް، ވިހެއުމުގެ ކުރިންނާ އަދި ވިހެއުމަށްފަހު އެމީހާއަށް ބޭނުންވާ ސިއްހީ ހާއްސަ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ޔުނިސެފްއިންވަނީ ގައުމުތަކަށް ލާޒިމުކޮށްފައެވެ. ހަމަ މިއާއެކު، އުފަންވާއިރު ސިއްހީ ގޮތުން ދުޅަހެޔޮ ނޫން ކުދިންނަށް ބޭނުންވާ އިމާޖެންސީ ހިދުމަތްތަކަކީވެސް ލިބެން ޖެހެނެ ހިދުމަތްތަކެއް ކަމަށާ، އެހެނީ އެކުދިންނަކީ މަރުގެ ނުރައްކާ އިންތިހާއަށް ބޮޑު ކުދިންނަށް ވުންކަންވެސް ޔުނިސެފްއިން ފާހަގަކުރެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި މިކަން އޮތް ހާލަތެއްގެ ސާފު ތަސްވީރެއް އެނގޭނީ މިކަމާ ބެހޭ އިތުރު އެނާލިސިސްތަކެއް ހަދައިގެން ކަން ޔުނިސެފް މޯލްޑިވްސް އިންވަނީ ފާހަގަކޮށްފައެވެ.