ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގޭ ކޭސްތައް ހަލުވިކަމާއެކު އިތުރު ވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލުތަކަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، ވަގުތީ ހޮސްޕިޓަލުތަކުގެ ގޮތުގައި ބޭނުން ކުރުމަށް، އިތުރު ރޭލުތަކެއްގެ ބޭނުން ކުރަން ނިންމައިފިއެވެ.
ވަގުތީ ހޮސްޕިޓަލުތަކުގެ ގޮތުގައި ބޭނުން ކުރުމަށް 500 އެއްހާ ރޭލްވޭ ކެރިޖު މޮޑިފައި ކުރަން ހަމަޖެހިފައިވާ ކަމަށާ، މި ކެރިޖުތަކުގައި ތަރައްގީ ކުރާ ވަގުތީ ހޮސްޕިޓަލުތަކާއެކު ވެރިރަށް ނިއު ދިއްލީއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ހާއްސަކޮށްގެން 8000 އެއްހާ އެނދު ހަމަޖެހިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.
ދާހިލީ ވަޒީރު އަމީތު ޝާހް ވަނީ ދިއްލީއަށް ހާއްސަ އެމާޖެންސީ ޕެކޭޖެއް އިއުލާން ކުރައްވާފައެވެ. މި ޕެކޭޖުގެ ދަށުން، ކޮވިޑް-19އަށް ޓެސްޓު ކުރުން އިތުރުކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އެވަރޭޖް އަދަދު މިހާރު އުޅެނީ 12000 އާއި ގާތް ކުރާ މިންވަރެއްގައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 333008 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 4 ވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރި ގައުމުވެސް މެއެވެ. އިންޑިއާއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 153799 މީހަކު ރެކޯޑް ކޮށްފައިވާއިރު 8944 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. ކުރިޓިކަލް/ސީރިއަސް ޕޭޝަންޓުން 2 ވަނަ އަށް އެންމެ ގިނައީވެސް އިންޑިއާގައެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 9520 އަށް އަރާފައެވެ.
އިންޑިއާގައި ބަލިމަޑުކަން ފެތުރިފައިވާ ގޮތަށް ބަލާއިރު 3 ވަނައަށް މަސްރަހު އެންމެ ގޯހީ ވެރިރަށް ދިއްލީގައެވެ. ހާލަތު އެންމެ ނުރައްކާ ފައްތަރެއްގައި އޮތީ މަހާރާޝްތްރާ ސްޓޭޓްގައި ކަމަށްވާއިރު، ދެން އެންމެ ނުރައްކާ މަންޒިލަކީ ޓެމިލް ނާޑޫ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރެއެވެ.
ކަންމިހެން އޮތްއިރު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ 40 ހޮޓަލަކާ 77 ބެންކުއެޓް ހޯލެއްވެސް ކޮވިޑް-19ގެ ވަގުތީ ހޮސްޕިޓަލުތަކުގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ރާވާފައިވާކަން ހާމަކުރައްވާފައެވެ.
ރޭލް ކެރިޖުތަކަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ބޭނުންކުރާ ތަންތަންކަމުގައި ހެދުމުގެ މަސައްކަތް އިންޑިއާއިން އެންމެ ފުރަތަމަ ފެށީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭރު މި ކެރިޖުތައް ބޭނުން ކުރަމުންދިޔައީ ކަރަންޓީނާ އައިސޮލޭޝަން ފެސިލީޓީތަކެއްގެ ގޮތުގައެވެ.