2008 ވަނަ އަހަރުގެ ހިންދީ ޓީވީ ސީރީޒް 'ޕަވިތްރާ ރިޝްތާ' އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސުޝާންތް ސިންހް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި ސުޝާންތް ސިންހް މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުމުން ދިޔަ އެޕާޓްމަންޓްގެ ތެރެއިންނެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް ޚަބަރު ލިބެއެވެ.

ސުޝާންތްގެ މަރުގައި ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރިއިރު، އޭނާ މަރުވާން ދިމާވި އަސްލު ސަބަބުވެސް އަދި ހޯދިފައެއް ނުވާކަމަށް ހަބަރުތައް ބުނެއެވެ. އޭނާގެ އެޕާޓްމަންޓްގައި ދިރިއުޅެމުން ދިޔައީ އެކަނި ކަމަށާ، މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ބަލިވެ އުޅުނު ކަމަށްވެސް ބައެއް ޚަބަރުތައް ބުނެއެވެ.

ސުޝާންތް މަރުވެފައި އޮއްވާ ފެނުނުއިރު އެ ސަރަހައްދުގައި ނޯޓެއްވެސް އޮތް ކަމަށް އިންޑިއާގެ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ސުޝާންތް ސިންހްގެ މެނޭޖަރު ދީޝާ ސާލިއަން ވެސް ވަނީ މަރުވެފައެވެ.