ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާލުކޮޅު ބައްލަވައިލައްވައިފިއެވެ.

ރައީސް ސޯލިހް ރައީސް ވަހީޑުގެ ހާލު ބައްލަވާލެއްވީ މިއަދު ހެނދުނު ރައީސް ވަހީދާއި، އެމަނިކުފަނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރައީސް ވަހީދު ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާފައެވެ.

އެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލުކޮށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަނާނެއްގައި ބުނީ މިއަދު ހެނދުނު 6:30 ހާއިރު ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ.

އެވަގުތު ރައީސް ވަހީދުގެ، އެމްއެންޑީއެފް ސެކިއުރިޓީން އެ މައްސަލަ ފުލުހަށް ރިފޯޓް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިތުރުން އެ ބަޔާނުގައި ވަނީ އެމްޑީޕީގެ އެ އެކްޓިވިސްޓް، ރައީސް ވަހީދުގެ ދެކަނބަލުންގެ ހަށިކޮޅަށް އަތްލައި ހަމަލާ ދީފައި ނުވާ ކަމަށާއި ނަމަވެސް ފުރައްސާރަ ކުރި މީހާ ހުރީ އަތް ޖެހޭގައި ގާތުގައި ކަމަށެވެ.

ރައީސް ވަހީދުގެ އޮފީހުން އެ މައްސަލަ ކުއްވެރިކޮށް ބުނެފައި ވަނީ ފުރައްސާރަ ކުރުމުގެ އެފަދަ މައްސަލަތަކަކީ ހަމަލާއެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ