ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ މަގާމަށް މުހައްމަދު އަސްލަމް އިސްކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މިނިސްޓަރު އަސްލަމް މަގާމުގެ ހުވާކުރެއްވުމާ، އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، ރައީސް އޮފީހުގައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސް ސޯލިހް ވަނީ ބަދަލު ކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން މިނިސްޓްރީން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، ޕްލޭނިން މިނިސްޓްރީންނެވެ. އަދި އެ މަސައްކަތްތައް ކުރުމަށްޓަކައި ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހު މި ބަދަލު ގެންނެވި އިރު، ހައުސިން މިނިސްޓްރީ ދެ ބަޔަށް ބައިކޮށްލެވީ ވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހުއެވެ. އޭގެ ކުރީ ސަރުކާރުގައި އެ ދެ މިނިސްޓްރީން ކުރަމުން އައި މަސައްކަތް ކުރަމުން ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި އެއް މިނިސްޓްރީއެއްގެ ގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައެވެ.