ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އިންތިހާ ނުރައްކާ ދަރަޖައަކަށް އާންމުވެފައިވާ އަވަށްޓެރި އިންޑިއާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރެއްހާއިރު ތެރޭގައި އެކަނިވެސް 11929 ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ އިންޑިއާއިން މި ބަލިމަޑުކަން ފެނުނު ފަހުން މިހާ ގިނަ އަދަދަކަށް އެއް ދުވަހަކާ މީހުން ޕޮޒިޓިވްވި ދުވަހުގެ ރެކޯޑެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 320922 އަށް އަރާފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 9195 އަށް ވަނީ އަރާފައެވެ.

އިންޑިއާއަށް ބަލާއިރު ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ހުޅަނގުގެ މަހާރާޝްތްރަ ސްޓޭޓްގައެވެ. އެ ސްޓޭޓުން އެކަނިވެސް 104568 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވަނީ ޓެމިލް ނާޑޫ ސަރަހައްދުންނެވެ. މި ސަރަހައްދުން 42687 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ބަލާއިރު 38958 ކޭސް ރިޕޯޓް ކޮށްފައި ވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު 4 ވަނައަށް އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރެކޯޑް ކުރަމުންދަނީ އިންޑިއާއިންނެވެ. އަދި ހާލު ސީރިއަސް/ކުރިޓިކަލް ޕޭޝަންޓުންގެ އަދަދު 2 ވަނައަށް އެންމެ ގިނައީ އިންޑިއާގައި ކަންވެސް ފާހަގަކުރަންޖެހެއެވެ.