ސިޔާސީ މީހަކަށް ވިޔަސް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ދެ ކަނބަލުންނަށް ހަމަލާދިން މީހާ ހައްޔަރު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަހީދުގެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓު "ޖޯރޭ" ހަމަލާ ދިން ކަމަށް ވިދާޅުވެ ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓް ރި ޓްވީޓް ކުރައްވާ ޣައްސާން ވިދާޅުވީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެއީ ސިޔާސީ ދާއިރާއެެއްގައި މަސައްކަތް ކުރާ މީހަކަށް ވިޔަސް ހައްޔަރުކޮށް އަދަބު ދޭން ޖެހޭ ކަމަށެވެ.
އިތުރުން އޭނާ ވިދާޅުވީ ކުރީގެ ރައީސަކަށް ވުމުން ސެކިއުރިޓީން ހުންނަން ޖެހޭ ކަމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިގަންވީ ކީއްވެ ކަމާމެދު ވަނީ ސުވާލު ކުރައްވާފައެވެ.
ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް އަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ކަމަށެވެ. އަދި ޑރ. ވަހީދު ވިދާޅުވީ އެ ސަރަހައްދު (އުސްފަސްގަނޑު) ގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ.
އެ ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދާއި އަނބިކަނބަލުން، ފަތާ ސަރަހައްދު (ޓްރެކް) ގައި އުޅުއްވަނިކޮށް މީހަކު ހަޑިހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ހުށަހަޅާފައި ވާތީ ބަލަމުންދާ ކަމަށެވެ.