ފާއުތުވީ 24 ގަޑިއިރުގެ ތެރޭގައި 11458 މީހަކަށް ކޮވިޑް-19 ޖެހިފައި ވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއާއެކު އެގައުމުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 3 ލައްކައަށްވުރެ މައްޗަށް އަރާފައެވެ. ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 309603 މީހުންނެވެ. މި ބަލީގައި އެގައުމުން 8890 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ކޮވިޑް-19ގެ ޕޭޝަންޓުންނާ މެދު ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ، ޖަނަވާރަކާ މެދުވެސް އަމަލު ނުކުރާހާ އިހާނެތި ގޮތަކަށް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ނިސްބަތުން މިހާރު 4 ވަނައަށް ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައީ އިންޑިއާގައި ކަމަށްވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު އިންޑިއާއިން ރެކޯޑް ކޮށްފައިވަނީ 146383 ކޭހެވެ. މީގެ ތެރޭގައި ހިމެނޭ 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބޭއިރު، މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ މަތީ އަދަދެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ލޯކަލް ޓްރާންސްމިޝަން އުޅޭކަން ކަށަވަރުވެފައިވާއިރު ހުކުރު ދުވަހު އެކަނިވެސް 2137 ކޭހެއް ދިއްލީއިންވަނީ ރިޕޯޓްކޮށްފައެވެ. ކަންމިހެން އޮތްއިރު ބަލީގެ ނުރައްކާ އެންމެ ބޮޑު މަހާރާޝްތްރާ ސްޓޭޓްއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1 ލައްކައަށްވުރެ މައްޗަށް އަރާފައިކަންވެސް ފާހަގަކުރަންޖެހެއެވެ.