މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުން އަންނަ އަވަށްޓެރި އިންޑިއާގައި މި ބަޔަށް ޕޮޒިޓިވްވާ މީހުންނާ މެދު ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދާ ގޮތުން ކަންބޮޑުވާ ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން ހާމަކޮށްފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ޕޭޝަންޓުންނާ މެދު އިންޑިއާގައި އަމަލު ކުރަމުންދަނީ 'ޖަނަވާރުތަކަކާ މެދުވެސް އަމަލު ނުކުރާނެހާ އިހާނެތިކޮށް' ކަމަށެވެ.

އިންޑިއާގެ ސުޕްރީމް ކޯޓު ސަރަހައްދުގައި ވަކީލަތު ހަރަކާތްތެރިވަނީ/ފޮޓޯ: ޕީޓީއައި

ހަމަ މިއާއެކު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ކޮވިޑް-19ގެ ޕޭޝަންޓުންނާ މެދު އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދާ ހާލަތަކީ ހައިރާންވާހާ ދަށް ކޮލިޓީގައި އޮތް ހާލަތެއް ކަމަށާ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާންކުރާ ނޯޓިސްތަކެއްވެސް އިންޑިއާގެ މައި ސަރުކާރަށާ ސްޓޭޓް ސަރުކާރުތަކަށް ފޮނުވާފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ބުނީ ކޮވިޑް-19ގެ ޕޭޝަންޓްއެއްގެ ހަށިގަނޑު، ކުނިތަކެއްގެ ތެރެއިންވެސް ނަގަން ޖެހިފައި ވާކަމަށެވެ. މި ބަލީގައި ޕޭޝަންޓުން މަރުވަމުން ދާއިރު، އެ ޕޭޝަންޓުންނަށް 'އެޓެންޑް' ވާނެ މީހަކުވެސް ނުހުންނަކަން ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19ގައި އިންޑިއާއިން މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ/ފޮޓޯ: ޝައިހް ސާލިގު

ފާހަގަކުރަންޖެހޭ ކަމަކީ، މިއީ ރަސްމީ ރެކޯޑްތަކުން ފެންނަން އޮތް ކޭސްތައް ކަމެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް އިންޑިއާއިން ކޮވިޑް-19ގެ ޖެހުނު ހުރިހާ އެންމެންގެ މައުލޫމާތު އެއްކުރުމުން މިއަދަދުތައް މިއަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އިންޑިއާގައި ބައްޔަށް ޓެސްޓު ކުރުންވެސް އޮތީ އިންތިހާއަށް 'ލިމިޓް' ވެފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސްޓޭޓް ސަރުކާރުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާ ވިދާޅުވީ، އެންމެ ގޯސް ހާލަތަށް ބަލާއިރު، ވެރިރަށުން އެކަނިވެސް ޖުލައި މަސް ނިމޭއިރު 550000 އެއްހާ މީހުން ޕޮޒިޓިވް ވެދާނެ ކަމަށެވެ. މިއަދަދު މިހާރު އުޅެނީ 35000 ގައެވެ.

ކަންމިހެން އޮތްއިރު، ގަބުރުސްތާނުތަކާ، ގަބުރު އަންދާ ތަންތަނުން ބުނީ ބަލީގައި މަރުވާ މީހުންގެ ހަގީގީ އަދަދުތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއީ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށް ވެފައި ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާއިރު ގަބުރުތައް ބަހައްޓާފައި ހުންނަނީ ބޯ އައިސްގަނޑުތަކެއްގެ މަތީގައެވެ. ހޮސްޕިޓަލް މޯގްތަކުގެ ކެޕޭސިޓީއެއް ނެތެވެ.

ނިއުދިއްލީގެ ހޮސްޕިޓަލަކުން، ގަބުރު އަންދާ ތަނަކަށް ހަށިގަނޑު އުފުލާ ވޭނެއް ދުއްވާ ބިޖޭންދްރާ ދިގްޔާ ބުނީ މީގެ ކުރިން އޭނާގެ އުޅަނދުގައި ފަހަރަކު އުފުލީ 1 ގަބުރު ކަމަށެވެ. ނަމަވެސް މިހާރު އެހީތެރިންނަށް އުފުލުނުހާ ގިނައެއްކޮށް ހަށިގަނޑުތައް ނަގައިގެން ގެނެސް، މަތިމައްޗަށް ގަބުރުތައް ޖަހައިގެން ވޭންއަށް އެރުވުނު އެންމެ ގިނައެއް ކޮށް ކޮންމެ ދަތުރެއްގައިވެސް ގަބުރުތައް އުފުލާ ކަމަށެވެ.

ކޮވިޑް-19ގައި އިންޑިއާއިން މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ/ފޮޓޯ: މަނީޝް ސްވާރޫޕް

ކާފަރުންގެ ހަށިގަނޑުތައް އަންދާލާއިރު މުސްލިމުންނަށްވެސް އާންމު އުސޫލުން ޖަނާޒާ ބޭއްވުމުގެ ފުރުސަތެއް ނެތެވެ. ހިނެވުމަށް ހަށިގަނޑު ދޮވުމެއް ނެތެވެ. މޫނެއް ނުދައްކައެވެ. ކަށުނަމާދެއް ނޯވެއެވެ. މުސްލިމުންނަށް ހާއްސަކޮށްފައިވާ އެންމެ ބޮޑު ގަބުރުސްތާނަށް ހަށިގަނޑުތައް ގެންނަނީ ހެޒްމެޓް ސޫޓްގައި ތިބޭ މީހުންނެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު، 24 ގަޑިއިރު ތެރޭގައި 10956 މީހަކު ޕޮޒިޓިވްވެ، 396 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާއިން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިހާތަނަށް އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ދުވަސްވެސްމެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 4 ވަނައަށް ކޭސް އެންމެ ގިނަ ގައުމަކީވެސް މިހާރު އިންޑިއާއެވެ.