ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެޅުއްވި ދަތިކުރުމުގެ ފިޔަވަޅަކީ ހަމައެކަނި އެ ކޯޓާއި ބައިނަލްއަގުވާމީ ޖިނާއީ އަދުލަށް ދެވުނު ހަމަލާއެއް ނޫންކަމަށާ، އެއީ ޖަރީމާތަކުގެ ޝިކާރައަކަށްވެދިޔަ މިހުންގެ މަސްލަހަތަށްވެސް ދެވުނު ހަމަލާއެއް ކަމަށް އައިސީސީއިން ބުނެފިއެވެ.

އައިސީސީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ނިންމަވާފައި މިވަނީ، އަފްގާނިސްތާނު ހަނގުރާމާގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމުގެ މަސައްކަތް، އެ ކޯޓުން ފަށާފައިވަނިކޮށެވެ.

މި ކަމާ ގުޅިގެން އައިސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެކޯޓަށް އަމާޒުވާ މާޒީ ނުދެކޭ ފަދަ ހަމަލާތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ހަމަލާކަމަށެވެ. މިއީ ބައިނަލްއަގުވާމީ ޖިނާއީ އަދުލަށް ހުރަސް އެޅުމަށް ހިންގާ އަމަލެއް ކަމަށާ އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އައިސީސީގެ ބަޔާނުގައިވެއެވެ.

އެމެރިކާގެ ރައީސް ވަނީ އައިސީސީގެ މުވައްޒަފުންގެ މާލީ އެސެޓްތައް ބްލޮކްކޮށް، އެ މުވައްޒަފުންނާ އެމީހުންގެ އާއިލާތަކުގެ މެމްބަރުންނަށް އެމެރިކާއަށް ނުވަދޭނެހެން ރިޔާސީ އަމުރުފުޅެއް ނެރުއްވާފައެވެ. އައިސީސީގެ ގާނޫނީ ހައިސިއްޔަތެއް އޮތް ކަމަށް އެމެރިކާއިން ބަލައި ނުގަންނައިރު، އެ ކޯޓުން ދަނީ އެމެރިކާގެ އިސްތިގުލާލާ ކުޅެމުން ކަމަށްވެސް އެމެރިކާއިން ސިފަކުރެއެވެ.

2002 ވަނަ އަހަރު އައިސީސީ އުފައްދާފައިވަނީ އެނޫން ގޮތަކަށް އިންސާފެއް ލިބެން ނެތް ތަންތަނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާ، ގަތުލުއާންމުތައް ތަހުގީގުކުރުމަށެވެ.