ދުނިޔޭގައި 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކޮށްފައިވާ ގައުމަކަށް އަވަށްޓެރި އިންޑިއާ ވެއްޖެއެވެ.

އިންޑިއާއިން 297535 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައިވާއިރު، މުޅި ދުނިޔެއަށް ބަލާއިރު އިންޑިއާއަށް ވުރެ ކުރީގައި އޮތީ އެމެރިކާ، ބްރެޒިލް އަދި ރަޝިއާއެވެ.

ބުރާސްފަތި ދުވަހާ އަޅާ ބަލާއިރު އިންޑިއާއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ލިސްޓަށް 10956 މީހުންގެ ނަން ވަނީ އިތުރުވެފައެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 8498 އަށް އަރާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާއެކު އިއުލާންކުރި ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް 3 މަސްދުވަސް ހޭދަވާން ދަނިކޮށް އިންޑިއާއިންވަނީ މި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. އެގައުމުގައި މިހާރު މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދަނީ މި ސަބަބާ ހެދިއެވެ. މިއާއެކު ބަލިމަޑުކަމުގެ ކާރިސާގެ އެންމެ ނުރައްކާތެރި ފައްތަރުން ގައުމު ސަލާމަތް ކުރުމަށް އިންޑިއާގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަށް ބަލާއިރު މުމްބާއީ، ވެރިރަށް ނިއުދިއްލީ އަދި ޗެންނާއީއަކީ މިވަގުތު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސިޓީތަކެވެ.