މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މުޅި ދުނިޔެއަށް ފެތުރި، ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އިޝާރާތައް ފެންނަން ފަށާފައިވާއިރު ވިޔަފާރީގެ މައިދާނުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު ދުނިޔޭގެ ހިއްސާގެ ބާޒާރަށް ވަރުގަދަ ލޮޅުމެއް އަރައިފިއެވެ.

ދުނިޔޭގެ ހިއްސާގެ ބާޒާރުގެ މުއާމަލާތައް ދަށަށް ދާން ފަށާފައި މިވަނީ، މި ވިޔަފާރީގެ އެންމެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އެމެރިކާގެ ފެޑެރަލް ރިޒާވުން އިންޒާރެއް ދީފައިވާ ވަގުތެއްގައެވެ. އެމެރިކާގެ ފެޑެރަލް ރިޒާވްއިންވަނީ، އެގައުމުގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅުމަށް ދިގު ރާސްތާއެއް ކަޑަތު ކުރަންޖެހޭނެ ކަން ހާމަކޮށްފައެވެ.

މިކަމުގެ އަސަރު، އޭޝިއާގެ އެންމެ ވަރުގަދަ ހިއްސާތަކަށްވެސް ވަނީ ފޯރާފައެވެ. އެގޮތުން ހިއްސާގެ ވިޔަފާރީގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ޖަޕާން، ހޮންގްކޮންގް އަދި ޗައިނާގެ ހިއްސާގެ ވިޔަފާރިއަށްވެސް މިއަދު ލޮޅުން އަރާފައިވާކަމަށް ވިޔަފާރީގެ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

ބައިނަލްއަގުވާމީ ހިއްސާގެ ވިޔަފާރިއަށް ބަލާއިރު އެންމެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވަނީ ހަކަތައާއި ދަތުރުފަތުރުކުރުމާ ގުޅުން ހުރި ވިޔަފާރިތަކަށެވެ.

މިދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި އަމުރުތަކާއެކު އިނދަޖެހިފައިވާ އިގުތިސޯދުތައް ނެގެހެއްޓުމަށް ގައުމުތަކުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެކެވެ. ނަމަވެސް، ކޮވިޑް-19އަކީ މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ބައްޔަކަށްވެފައި، ބަލީގެ ނުރައްކާ އަދިވެސް ކުޑަވެފައި ނެތުމުން، ބަލީގެ ބިރަށް އަދިވެސް ގިނަ ބަޔަކު މަޑުކުރުން އެކަށީގެންވަނީ ގޭގައި ކަމަށް އިގުތިސޯދީ ތަޖުރިބާކާރުން ވަނީ އިންޒާރު ކޮށްފައެވެ.