މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، އެމެރިކާއާއި ވިލާތުގެ ގައުމުތަކުގައި މީހުން ނިދި މިންވަރު އިތުރުވެފައިވާކަމަށް ކަރަންޓް ބައޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ 2 ދިރާސާއެއް ބުނެފިއެވެ.
މިތަނުން އެއް ދިރާސާ ބުނާ ގޮތުގައި ކިޔަވާ ކުދިން ރޭގަނޑު ހޭލާ ހުންނަ ވަގުތު އިތުރުވެ، ނިދާ ވަރު ވަނީ އިތުރުވެފައެވެ. އަނެއް ދިރާސާ ބުނާ ގޮތުގައި ބަލިމަޑުކަމަށް ފެށުނު ފަހުން ވިލާތު ބައްރުގެ މީހުން އެނދުމަތީގައި އެވަރޭޖުކޮށް ދޮޅުގަޑިއިރެއްހާއިރު އިތުރަށް ހޭދަކުރެއެވެ.
ޔުނިވާސިޓީ އޮފް ކޮލަރާޑޯގެ އިންޓަގްރޭޓާޑް ސައިކޮލޮޖީ ޑިޕާޓްމަންޓްގެ ކިނެތް ރައިޓްއާއި އޭނާގެ ޓީމުން ވަނީ ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުންދާ 139 ދަރިވަރަކު، ބަލިމަޑުކަމުގެ ކުރިންނާ ފަހުން ނިދަމުން އައި ގޮތުގެ ތަފްސީލު އަޅާކިޔާފައެވެ. މި ދިރާސާގެ ހޯދުމަށް ބަލާއިރު އެވަރޭޖް ގޮތެއްގައި ހަފުތާގެ 'ރަސްމީ' ދުވަސްތަކުގައި ދަރިވަރުން 30 މިނެޓް އިތުރަށް ނިދައެވެ. އަދި ހަފުތާ ބަންދުގައި 24 މިނެޓް އިތުރަށް ނިދައެވެ.
މީގެ އިތުރުން، ނިދުމަށް އެންމެ އެކަށީގެންވާ ކަމަށް ބުރަވާ ރޭގަނޑުގެ 7 ގަޑިއިރުގެ ނިދި ނުވަތަ އެއަށްވުރެ އިތުރަށް ނިދާ ދަރިވަރުންގެ އަދަދު 84 ޕަސެންޓްއިން 92 ޕަސެންޓްއަށް އިތުރުވި ކަމަށްވެސް ހޯދުންތަކުން ވަނީ ދައްކާފައެވެ.
ނިދާ ވަގުތު އިތުރުވިއިރު، ރޭގަނޑުން ލަހުން ނިދާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ހަފުތާ ބަންދުގައި 24 މިނެޓް ލަހުން ނިދާއިރު، އެހެން ދުވަސްތަކުގައި އެވަރޭޖް ކޮށް ނިދަނީ 50 މިނެޓް ލަހުންނެވެ.
ދެވަނަ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ސުވިޒަލަންޑްގެ ޔުނިވާސިޓީ އޮފް ބޭސަލް ސެންޓާ ފޮ ކްރޮނޯބައޮލޮޖީގެ ކްރިސްޓީން ބްލޫމްއެވެ. މި ދިރާސާއިންވެސް އެނގިގެން ދިޔައީ މީހުން ނިދާ މިންވަރު އިތުރުވެފައިވާކަމެވެ.
އޮސްޓްރިއާ، ޖަރުމަނުވިލާތް އަދި ސުވިޒަލަންޑްއިން މައުލޫމާތު އެއްކުރި މި ދިރާސާގެ ނަތީޖާއަށް ބަލާއިރު ރޭގަނޑުގެ ވަގުތުތައި އެވަރޭޖުކޮށް 13 މިނެޓް އިތުރަށް ނިދާކަމަށް ވަނީ ދައްކާފައެވެ.
ބްލޫމް ބުނާ ގޮތުގައި ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހުމުން އަވަހަށް މަސައްކަތް ނިންމާލެވި، ރޭގަނޑުގެ ވަގުތުތަކުގައި ނިދުމަށް ވަގުތު ލިބެނީއެވެ. ކަންމިހެން އޮތް ނަމަވެސް، ނިދީގެ 'ކޮލިޓީ' ދަށްވާކަމުގެ ޝަކުވާ ލިބިފައިވާކަންވެސް ބްލޫމްއާއި އޭނާގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމަށް އޮތް ހައްލަކީ، ކަސްރަތު ކުރާ މިންވަރު އިތުރުކޮށް، ގުދުރަތީ އަލީގެ ފައިދާ ވީ އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށްވެސް ބްލޫމް ބުނެއެވެ.