މީހުން އާދަޔާ ހިލާފަށް ފަލަވެ ދިއުމުގެ ބަލިމަޑުކަން (އޮބީސިޓީ)އާއި މިކަމުގެ ސަބަބުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ކުރިމަތިލާންޖެހުނު ނުރައްކާތުގެ ހިއްސާއެއް، ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ސިނާއަތުގައި އެބަ އޮތްކަމަށް ބްރިޓިޝް މެޑިކަލް ޖާނަލް (ބީއެމްޖޭ) ގައި ޝާއިއުކުރި އެޑިޓޯރިއަލްއެއް ބުނެފިއެވެ.

ލަންޑަންގެ ކުއީން މޭރީ ޔުނިވާސިޓީގެ ޓީމަކުން ތައްޔާރުކޮށްފައިވާ މި އެޑިޓޯރިއަލްގެ މުސައްނިފުން ވަނީ، އޮބީސިޓީގެ ސަބަބުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލަތު ގޯސްވެގެންދާ ގޮތާ ހުރި ގުޅުން ދިރާސާކޮށްފައެވެ.

އާދަޔާ ހިލާފަށް ފަލަ (އޮބީސް) ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދަ ނޭޝަނަލް

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެފައިވާ (އޯވާވެއިޓް) މީހުންނަށް ކޮވިޑް-19 ޖެހުމުން ބަލީގެ ސީރިއަސްކަން 44 ޕަސެންޓް އިތުރުވެއެވެ. އަދި މި ބަލީގައި މަރުވުމުގެ ފުރުސަތު 27 ޕަސެންޓް އިތުރުވެއެވެ. އޯވާވެއިޓްއަށް ވުރެވެސް ބަރުވެފައިވާ (އޮބީސް) މީހުންނަށް ބަލާއިރު ބަލީގެ ސީރިއަސްކަން ބޮޑުވުމުގެ ނުރައްކާ ދެގުނަ އިތުރުވެ، ބަލީގައި މަރުވެދިއުމުގެ ނުރައްކާވެސް ދެގުނަ ބޮޑުވާ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

އޮބީސިޓީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށްވެސް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. ހަމަ އެހެންމެ، ފުއްޕާމޭގެ ހިނގުމަށްވެސް ބުރޫއަރުވާ ކަމެކެވެ.

ޕްލާސްޓިކް ޕެކޭޖިންގްގައި ބަންދުކޮށްފައިވާ ކޮކާ-ކޯލާ ކޭސްތަކެއް/ފޮޓޯ: ދަމޭޒްއެޓްލާންޓާޕޯސްޓް

ކަންމިހެން އޮތްއިރު، ކާބޯތަކެތީ އުފެއްދުންތެރިކަމުގެ ސިނާއަތުން މި ބަލިމަޑުކަމަށް އިޖާބަ ދެމުން ދާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ދިރާސާ ޓީމުން ވަނީ ބުނެފައެވެ. އަދި ފައިދާހުރި ކާނާ ޕްރޮމޯޓް ކުރުމަށް ގައުމުތަކުގެ ސަރުކާރުތަކަށްވެސް ވަނީ ގޮވާލާފައެވެ.

ބަލިމަޑުކަމުގެ ވަގުތުގައި ކާބޯތަކެތީގެ ސިނާއަތުން އެހީތެރިކަން ފޯރުކޮށްދެމުންދަނީ ފަރުދާގެ ފުރަގަހުގައި، މުދާ މާކެޓް ކުރުމުގެ އެޖެންޑާއެއް ބާއްވައިގެން ކަމަށްވެސް ދިރާސާ ކުރި ގުރޫޕުން ވަނީ ބުނެފައެވެ.

ޓޫނާ ގްރިލްޑް ސޭންޑްވިޗް / ފޮޓޯ: ދަޕްރެސް

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކާބޯތަކެތީ ހާލަތަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ކާބޯތަކެތީގެ "އިންތިހާ ފަގީރު" ކަމެއް ކުރިމަތިވުމާ، ސަޕްލައި ޗޭންތަކަށ ބުރޫއެރުން ފާހަގަކުރެއެވެ. މިއާއެކު ތާޒާ ކާބޯތަކެތި ލިބުން ދަތިވެ، ތައްޔާރީ ކާނާއަށް ބަރޯސާވުމަށް އެތައް ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް މިފަދަ ކާބޯތަކެއްޗަކީ އޭގައި އިންތިހާއަށް ލޮނާ، ހަކުރު އަދި ސެޗުރޭޓަޑް ފެޓް ފަދަ މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ، ދުޅަހެޔޮ ހަށިގަނޑަކާ ބީރައްޓެހި ކާބޯތަކެއްޗެވެ.