މިނިސްޓާ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިއުފާ ދެއްވި އާމިނަތު އާތިފާ، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ރައިސް ސޯލިހާއި ވަޒީރުން ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އާތިފާ ކޮށްދެއްވި އިހްލާސްތެރި ހިދުމަތްތައް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ މަސައްކަތްތަކަށް ދެއްވި ލަފައާއި އެއްބާރުލެއްވުމާއި އެހީތެރި ކަމަށްޓަކައި ވެސް އެކަމަނާއަށް ރައިސް ސޯލިހް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކާގައި، އެ މަޖިލީހުގައި އެކަމަނާއާ އެކުގައި މަސައްކަތް ކުރެއްވުމަކީ، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާ އެމަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުން އެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް އުޒުރުވެ ވަޑައިގަންނަވާތީ ކަމަށްވުމާއެކު، އެކަމަނާއަށް މަޖިލީހުގެ މެންބަރުން އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި އަމަލުކުރެއްވުމަށް ނިންމާފައިވާ ގޮތްތަކާ ގުޅޭގޮތުންނާއި، އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީގޮތުން ގައުމު އާރާސްތުކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވިއެވެ.