ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް މަޖިލީހުގައި ހިންގި މާރާމާރީގައި އަނިޔާކުރި ކަމަށް ބުނި މައްސަލަ ތަހުގީގު ކުރޭތޯ ބަލުމަށް އިދިކޮޅުން (ޕީޕީއެމް/ ޕީއެންސީ) ފުލުހުންގެ އިދާރާއަށް އެއްވެއްޖެއެވެ.
އިކޮޅުން ބުނީ ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި ދިން އަނިޔާ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާގައިވާ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕުން ފުލުހުންގެ އިދާރާއަށް ވަޑައިގެންފައިވާ ކަމަށެވެ.
އިދިކޮޅުން ފުލުހަށް ވަޑައިގެން ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ހިމެނި ވަޑައިގަންނަވައެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.
އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުންތައި ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވިއެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިކަމާ ގުޅިގެން މި ސަރުކާރުގެ ކޯލިޝަން ތެރޭގައި ހިމެނޭ އަދާލާތު ޕާޓީއާއި އެމްޑީޕީގެ ބައެއް މެންބަރުންގެ ދެމެދުގައިވެސް ދެބަސްވެވޭގޮތަށް މުއާމަލާތްތަކެއް ވަނީ ކުރެވިފައެވެ.