މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ވަރުގަދަ މިއުޒިކް ޝޯތަކުގެ ގޮތުގައި ސިފަކުރަމުން އަންނަ ކޯޗޭލާ އަދި ސްޓޭޖްކޯޗް މިއުޒިކް ފެސްޓިވަލް ޝޯތައް މިއަހަރު ކުރިއަށް ނުގެންދާ ގޮތަށް ކެންސަލްކޮށްފިއެވެ.

އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށް ގެންދާ މި ވަރުގަދަ 2 ޝޯވެސް ކެންސަލްކޮށްފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކަމަށް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ޝޯތަކަކީ މިއަހަރުގެ އޭޕްރިލް މަހަށް ތާވަލުކުރި ޝޯތަކެއް ނަމަވެސް، ކޮވިޑް-19ގެ ސަބަބުން މި ޝޯތައް އޮތީ އޮކްޓޯބަރު މަހަށްވެސް ފަސްކޮށްފައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން، މިއަހަރުގެ ފަހުކޮޅު އިތުރަށް ގަދަވެގެންދާނެ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވުމާއެކު، ޝޯތައް ކެންސަލްކުރީ ކަމަށް މައުލޫމާތު ލިބެއެވެ.

ރިވާސައިޑް ކައުންޓީގެ ޕަބްލިކް ހެލްތް އޮފިސަރު ޑރ ކެމަރަން ކެއިޒާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެމެރިކާގެ ސަރުކާރުން ކަނޑައަޅާފައިވާ އެކި މަރުހަލާތަކަށް ބަލާއިރު، މިފަދަ ޝޯތައް ފެތެނީ 4 ވަނަ ގިންތިއަށް ކަމަށާ، އެ ގިންތީގައި ހިމެނޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅޭ ވަކި ފަރުވާއެއް ނުވަތަ ވެކްސިންއެއް އޮންނަންޖެހޭ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ އިވެންޓްތަކަކާ، ބޮޑެތި ކުޅިވަރު މުބާރާތްތަކެއްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.