ޖީންސްއަށް ބަދަލުތަކެއް ގެނެސްފައިވާ އޯގަނިޒަމްތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިލްތަކުގެ ތަހުލީލުތައް ފެށުމުގެ މަރުހަލާގެ ދުވެލި އަވަސް ކުރުމުގެ ފިކުރެއް ވިލާތުގެ އޮފިޝަލުން ގެންގުޅުއްވާކަމަށް ވިލާތުގެ އިއްތިހާދުގެ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މިއީ އެސްޓްރާޒެނީކާއާއި ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ތަރައްގީ ކުރަމުންދާ ވެކްސިންއަށް ލިބިގެންދާނެ އިތުރު އެހީއެއް ކަމަށް ބެލެވެއެވެ.

މިކަމާބެހޭ ޕްލޭންތައް، އަންނަ ހަފުތާ ތެރޭގައި ޔޫރަޕިއަން ކޮމިޝަނުން އާންމު ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. މިއީ ކޮވިޑް-19އިން ދިފާއުވުމަށް ވިލާތު ބައްރަށް ބޭނުންވާ ވެކްސިން ޑޯޒްތައް ކަށަވަރު ކުރުމަށް އެ ކޮމިޝަނުން އަލާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިދަނޑިވަޅަކީ ކޮވިޑް-19އަށް ވެކްސިންއެއް އުފެއްދުމަށް މުޅި ދުނިޔޭގައި ކުރަމުންދާ މަސައްކަތަށް ބަލާއިރު، ވިލާތުން މާ ފަހަތުގައި އުޅޭ ކަމަށް ބެލެވޭ ދަނޑިވަޅެއްވެސްމެއެވެ. ވަކިން ހާއްސަކޮށް އެމެރިކާއާއި ޗައިނާއަށް ބަލާއިރު ވިލާތު ބައްރު އުޅެނީ ފަހަތުގައި ކަމަށް ބައެއް ފަރާތްތަކުން ބުރަވެއެވެ.

ވިލާތުން މި ގެންނަ އާ ބަދަލާއެކު ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރާ ފަރާތްތަކުން ކްލިނިކަލް ޓްރަޔަލް ނުވަތަ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ޝަރުތުތައް އިންތިހާއަށް ލުއި ކުރެވިގެންދާނެއެވެ.

ކޮވިޑް-19އާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100އަށްވުރެ ގިނަ ވެކްސިން ތަރައްގީ ކުރަމުންދާއިރު އަދި އެއްވެސް ޑޯޒްއެއް ކާމިޔާބުވެ، އެއީ ކޮވިޑް-19ގެ ވެކްސިން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އަދި ކަނޑައަޅާފައެއް ނުވެއެވެ.