އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އުވުމުން އެ ބޯޑު އަލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުން:
- ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އެލްޖީއޭގެ ރައީސް)
- އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު މުހައްމަދު ޝިހާބު
- ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
- ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)
- ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ
- ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު
- ޕްލޭނިން މިނިސްޓްރީގެ ނާއިބު ފާތިމަތު ނިއުމާ
އެލްޖީއޭގެ ސީއީއޯގެ މަގާމަށް އަފްޝަން އައްޔަން ކުރައްވާފައިވާއިރު އޭނާ އަކީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއެވެ.
އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލަން ޖެހުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލުގައި އެގޮތަށް ބަޔާން ކޮށްފައި އޮތުމުންނެވެ. މި މަހުގެ ދެވަނަ ދުވަހު ރައީސް ސޯލިހު ތަސްދީގު ކުރެއްވި އެ ގާނޫނުގައި ބުނެފައިވަނީ އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ ހަތް މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެލްޖީއޭއަށް އައްޔަން ކުރާ މެމްބަރުން ނަކީ މިހާރު ދައުލަތުން މުސާރަދޭ މަގާމެއްގައި ހުރި މީހެއް ނަމަ އެނާއަށް އިތުރު މުސާރައެއް ދޭން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އެހެންކަމުން މިހާރު ރައީސް އައްޔަން ކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން ދައުލަތުން ހަމައެކަނި މުސާރަ ދޭ ބޭފުޅަކަށް އެލްޖީއޭގެ ބޯޑުގައި އިންނަވާނީ އެ އޮތޯރިޓީގެ ސީއީއޯ އަފްޝަން އެކަންޏެވެ.