ކޮޮވިޑް-19ގެ ސަބަބުން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

މިކަން ސުޕްރީމްކޯޓުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ. މުސާރަ ކުޑަކުރީ ގާނޫނާ ހލާފަށް ކަމަށް ބުނެ އެ ނިންމުން ބާތިލްކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމި ރިޕޯޓު ފާސްކުރީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހެވެ. މުސާރަ ކުޑަ ކުރި މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ މުސާރަވެސް ހިމެނެއެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ލިޔެވިގެންވާ މުސާރައެއް ކަމުން ގާނޫނު އިސްލާހުނުކޮށް މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެވަޑައިގަންނައެވެ.

ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ، 11/2009، "ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނު"ގެ ދަށުންނެވެ. އެގޮތުން، އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސްގެ މުސާރައަކީ، 100،000 ރުފިޔާއެވެ. އަދި އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނާ ގޮތުން ނައިބު ރައީސްގެ މުސާރައަކީ، 75،000 ރުފިޔާއެވެ.

ރައީސްއާއި ނައިބު ރައީސްގެ މުސާރަވެސް ކުޑަ ކުރަން ނިންމީ، މި މަހުން ފެށިގެން ތިން މަހަށެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ ދެބޭފުޅުންގެ އަސާސީ މުސާރައިން 35 ޕަސަންޓް އުނިކުރުމަށް ވަނީ ނިންމާފައިވާއިރު، އެއީ ރައީސްގެ މުސާރައިން 35،000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރައިން 26،250 ރުފިޔާއެވެ.