ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ހުށަހެޅި “ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު"ގެ މަސައްކަތް ނިމި، ގާނޫނަކަށްވާއިރު ފުލުހުންނާ ގުޅޭ ކަންކަން ފުރިހަމަ އަށް ތަރުތީބު ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރަން ވިދާޅުވީ، ދިވެހި ފުލުހުންގެ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށްދާކަމީ ލިބެ އުފަލެއް ކަމަށެވެ. އަދި މި ބިލު ގަނޫނަކަށްވާއިރު ފުލުހުންނާ ގުޅެ ކަންކަން ފުރިހަމައަށް ތަރުތީބުވެ، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ފުރިހަމައަށް ބެހެލެއްޓޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ބިލު ގާނޫނަކަށްވާއިރު، ރައްޔިތުން އެދޭފަދަ ހިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނަ ވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް ފުލުހުން ރިފޯމް ކުރަން މުހިންމު ވަގުތެއް ކަމަށް މިނިސްޓަރު އިމްރަން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކޮށްފައެވެ. އެގޮތުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އެދިވަޑައިގަތުމުގެ މަތިން މިއަދު މަޖިލީހުގައި ވަނީ 2012 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މާފަންނު މެދު ދާއިރާގެ މެންބަރުން އިބްރާހީމް ރަޝީދަށް ފުލުހުން އަނިޔާކުރި ވީޑިއޯ ދައްކާލާފައެވެ.
އެފަދަ ވީޑިއޯ މަޖިލީހުގައި ދެއްކުމަކީ އާންމު ކަމަކަށް ނުވާއިރު، މިއަދުގެ ބަހުސްގެ މެދުތެރެއިން ދެއްކި އެ ވީޑިއޯގައި ފެންނަނީ މެންބަރު ބޮންޑޭ މަގުމައްޗަށް ވައްޓާލުމަށް ފަހު، ފުލުހުންތަކެއް ކޮޅުފައިންނާއި މުގުރުންނާއި އަތުން އޭނާގެ ގައިގައި ތަޅާ މަންޒަރެވެ. އެ ބިލަށް ގިނަ މެންބަރުން ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކަތައް ދައްކާފައި ވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގައި ހާއްސަކޮށް ދައްކާފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަތެއް ފެބްރުއަރީ އާއި އަށެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަމުގެ ވާހަކަތަކެވެ.
މަވެސް އެ ބަހުސްގައި އެހެން ބައެއް މައްސަލަތަކެކޭ އެއްގޮތަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އާއި އެމްޑީޕީގެ އެހެން މެމްބަރުންނާ ހިޔާލު ތަފާތުވެފައި ވާއިރު، ޝަރީފް ވިދާޅުވީ ވަކިވަކި މީހުންނަށް އިނގިލި ދިއްކޮށް، ޒާތީވާން ނުޖެހޭ ކަމަށާއި ފުލުހުންގެ މުއައްސަސާ ވެސް އިސްލާހު ކުރަން ޖެހޭ ނަމަ އެކަން މަޖިލީހުން ކުރަން ޖެހޭ ކަމަށެވެ. އެ ހިސާބުން ޝަރީފްގެ ވާހަކަ ހުއްޓުވައި ނަޝީދު ވިދާޅުވީ އެއް ވެސް މެންބަރަކު ޒާތީވާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.