ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ވީޓީވީގެ ސީނިޔާ އެޑިޓަރު އައިމިނަތު އަމީނާ (އަނާ) އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ރައްޔިރުން މަޖިލީހުގެ ޖަލްސާގައި ވޯޓް ނަގާފައި ވާއިރު، އަނާ އެ މަގާމަށް ހޮވުމަށް 63 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަނާ އެ މަގާމަށް ހޮވުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެއެވެ. އަނާގެ ނަން ފާސްވުމާ ގުޅިން ދެން ހުރި ނަންތަކަކަށް ވޯޓަކަށް ނާހައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި، ބްރޮޑްކޮމްގެ މެންބަރުކަމަށް ހޮވަން، ވޯޓް ނަގަން ތަޅުމަށް ފޮނުވާ ލިސްޓްގެ ކުރީގައި އަނާގެ ނަން އޮތްއިރު ދެވަނައަށް އޮތީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

ކޮމިޓީން ފާސްކުރި ހަތް މީހުން ތަރުތީބުން:

  1. އާމިނަތު އަމީނާ (އަނާ)
  2. މުހައްމަދު ފަޒީން
  3. ޒުބައިރު އަހްމަދު މަނިކު
  4. އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު (ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު)
  5. އިސްމާއިލް ސާޖިދު
  6. އަހްމަދު ހަލީލު
  7. އަހަމްދު ފައިރޫޒް (ސަންގު ޓީވީ ޕްރެޒެންޓަރު)

އަނާ ބްރޮޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން މިއަދު ފާސްކުރި އިރު މިއީ އޭނާ އެ މަގާމަށް ކުރިމަތިލެއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާ އަށް ނާކާމިޔާބުވީ މިހާރު އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާއާ ވާދަކޮށެވެ.

ޕްރެޒެންޓަރު، އަނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް ހާސިލްކޮށްފައެވެ. އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީއެއް ވަނީ ފުރިހަމަކޮށްފައެވެ. އޭނާ ވަނީ މީޑިއާގައި 13 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޖާނަލިޒަމް އެވޯޑްސްގައި 2016 އަދި 2018 ވަނަ އަހަރު އެވޯޑް ހާސިލްކުރިއެވެ.