ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 200 މީހަކު މިއަދު ރާއްޖެއިން ފުރުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަސް ވީ އިރު އެންމެ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ. ވޭތުވެވި ދުވަސްތަކުގައި ބަންގްލަދޭޝަށް ފުރުވާލި މީހުންގެ ހިސާބުތަކަށް ބަލާއިރު މި މަހުގައި ޖުމްލަ 865 މީހުން ވަނީ އެނބުރި ރަށަށް ފުރުވާލާފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުންދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފުރުވާލުމުގައި އެ މީހުން އެއާޕޯޓަށް ގެންދިއުމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މިހާތަނަށް އެގައުމުގެ 1700 އަށް ވުރެެ ގިނަ ބަންގްލަދޭޝް ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި 5،000 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.