ރައްޔިތުން މަޖިލީހުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުން ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް ޔޫރަޕުގައި ޑިމޮކްރަސީއަށް މަސައްކަތްކުރާ ސިޔާސީ އިއްތިހާދު ކަމުގައިވާ ޔޫރަޕިއަން ކޮންޒާވޭޓިވްސް އެންޑް ރިފޯމިސްޓްސް (އީސީއާރު) ޕާޓީން، ގޮވާލައިފިއެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުން ކުށްވެރި ކޮށްފައެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެ ބަޔާނުގައި މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލުކުރާ މަދު މެންބަރުންނަށް އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅެމުން ދާކަމީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށާއި ދައުލަތުގެ ނިޒާމުތައް އިސްލާހުކޮށް ހަރުދަނާ ކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތަކަށް ހީނަރުކަން އަންނާނެ ކަމެއްކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުންގެ މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކޮށްފައި ވަނީ ހިނގާދިޔަ ޣައިރު ގާނޫނީ އަމަލުތަކާމެދު ނުރުހުން ފާޅުކޮށް، އެކަން މިނިވަން ކަމާއެކު ތަހުގީގުކޮށް ޝިޔާމަށް އިންސާފު ހޯދައިދިނުމުގެ މުހިންމު ކަމަށް އަލިއަޅުވާލުމަށް ޓަކައި ކަން އީސީއާރުގެ ގެ ބަޔާނުގައިވެއެވެ.

އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފުރިހަމަކަމާއި ހާމަކަން ބޮޑު ކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރަށް ގޮވާލަމުން، އީސީއާރް އިން ވަނީ ޑިމޮކްރަސީއާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އަދި އިހުތިރާމު ކުރުމަށް ރާއްޖެއިން ދޭ ސަމާލުކަން މިނެކިރޭނީ އެ ތަހުގީގާއި މެދު ސަރުކާރުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަން ފާހަގަ ކޮށްފައެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ހިންގަމުން ދާ މިފަދަ ކަންކަމާ މެދު ކަންބޮޑުވުން އިތުރު ވަމުން އަންނަކަން ބަޔާންކޮށް، އެފަދަ އަމަލުތައް ހިނގިޔަ ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނަސޭހަތްތެރިވުމަށް ޔޫރަޕްގެ އިއްތިހާދަށް ވެސް އީސީއާރު އިން ވަނީ ގޮވާލައިފައެވެ.

އީސީއާރަކީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒާވޭޓިވް ޕާޓީ ފަދަ ޑިމޮކްރަސީއާއި އިސްލާހަށް ވަކާލާތުކުރާ 40 އަށްވުރެ ގިނަ ސިޔާސީ ޕާޓީ ހިމެނޭ ޖަމާއަތެކެވެ.