ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަށް ވުރެ، އަވަށްޓެރި އިންޑިއާގެ އެންމެ ސްޓޭޓް އަކުން ޕޮޒިޓިވް ވި މީހުންގެ އަދަދު އިތުރުވެފައި ވަނިކޮށް އެގައުމުން ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދޭ މިންވަރު އިތުރު ކުރަން ފަށައިފިއެވެ.

10 ހަފުތާއަށް ދެމިގެން ދިޔަ ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ލުއި ދެމުން، އާންމުން އެއްވެސް އުޅޭ ތަންތަން ހުޅުވަމުން ދާއިރު އިންޑިއާގެ މަހާރާޝްތްރާ ސްޓޭޓް އިން އެކަނިވެސް 85975 ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މުޅި ޗައިނާއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 84191 ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 260399 އަށް އިތުރުވެފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 7263 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 127189 ކޭސް ފާހަގަކޮށްފައިވާއިރު، 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.