މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް މެންބަރުން ބޯއިކޮޓު ކުރުމަށް ނިންމައިފިއެވެ.

އެ ކޯލިޝަންގެ ޖޮއިންޓު ޕީޖީ ގްރޫޕް އިން ނެރެފައި ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި، މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ހިލާފަށް، ކުއްލިއަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވެވުމަށް ފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

އަދި އެމްޑީޕީގެ ބައެއް މެންބަރުން ލައްވާ ޝިޔާމަށް އަނިޔާކޮށް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލާފައިވާ ކަމަށެވެ. ޝިޔާމުގެ ހާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭ ފަދަ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްގީގެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ އަނިޔާވެރި އަމަލު، ދިވެހިރާއްޖޭގައި އިންސާފާއި ހަމަހަމަކަމާއި ފުރިހަމަ ޑިމޮކްރެސީގެ ނިޒާމެއް ގެނައުމަށް މީގެކުރިން ވަކާލާތު ކުރަމުންއައި ސިޔާސީ ޕާޓީތަކާ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރުންވެސް ކުށްވެރި ކުރައްވާ، މިފަދަ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެއެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް އެފަރާތްތަކުން ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވާ ފަދައިން އަނިޔާވެރިކަމާ ނާއިންސާފާ ދެކޮޅަށް މިހާލަތުގައިވެސް ބަސްބުނަން ފަސްނުޖެހޭނެ ކަމަށް އެ ކޯލިޝަނުން އުއްމީދު ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މަޖިލީހުގެ އިދިކޮޅު މެންބަރުން މިއަދުގެ ޖަލްސާވެސް ވަނީ ބޯއިކޮޓު ކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ވެސް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުން ބައިވެރިނުވާނެ ކަމަށް ބުނެފައިވާއިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ކަންކަން ހިނގާދިޔަ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށްތޯ ބަލައި ދިނުމަށް ބާ ކައުންސިލަށްވެސް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އަދި ޝިޔާމަށް އަނިޔާ ދިން މައްސަލާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ވެސް ވަނީ ސިޓީއެއް ފޮނުވާފައެވެ.