ކޮވިޑް-19އިން ސަލާމަތްވުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފިއެވެ.
ސަރުކާރުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ފަހު އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީތަކުން ފާހަގަ ކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތައް އެކުލެވޭ ރިޕޯޓެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރައީސް ސޯލިހަށް އަރުވާފައެވެ. މި ރިޕޯޓް ރައީސް ސޯލިހަށް އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ރިޕޯޓްގެ ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަން ގަސްދުކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ލަފަައެއް އެރުވުމެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި މިވަގުތު ރާއްޖެއަށް މާލީ، އިގްތިސޯދީ އަދި އިޖްތިމާއީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްސީލު ވާނެ ކަމަށް މަޖިލީހުން ބުނެއެވެ. އަދި ދައުލަތުގެ އާމްދަނީ ހުރި މިންވަރައި އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ގޮތްތަކާއި އެކަމުގެ ތަފްސީލުވެސް މި ހުށަހެޅުންތަކުގައި ވާނެއެވެ.
މީގެ އިތުރުން ވަޒީފާއަދާކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވޭ ފަރާތްތަކާއި އެކަމުގެ ސަބަބުން ކުރިމަތިވާނެ ކަންކަން ވެސް މި ރިޕޯޓުގައި ހިމަނާފައިވާނެއެވެ. އޭގެ ތެރޭގައި މިކަމުގެ ސަބަބުން އިތުރަށް ކުރިމަތިވާނެ އިޖުތިމާއީ މައްސަލަތަކާއި ބޯހިޔާވަހިކަން ގެއްލޭނެ މިންވަރާއި އެކަންކަން ގޮސްދާނެ މިސްރާބަކާއި ގުޅޭ ދިރާސާތައް ވެސް ހިމެނެއެވެ. އަދި މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި ފަރާތްތަކަށް އެހީވެވިދާނެ ގޮތްތަކުގެ ލަފާ ވެސް މި ރިޕޯޓުގައި ވާނެ ކަމަށް މަޖިލީހުން ބުނެއެވެ.