ދައުލަތުގެ ހޮސްޕިޓަލަށް ދެން ބަލައިގަންނާނީ ހަމައެކަނި އެ ސިޓީގެ ރަށްވެހިން ކަމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ހާމަ ކުރައްވައިފިއެވެ.
ކެޖްރިވާލް މިފަދަ ކަމެއް ހާމަ ކުރައްވާފައި މިވަނީ، އިންޑިއާގެ ބައެއް ހޮސްޕިޓަލުތަކުން އާ ޕޭޝަންޓުން ބަލައިގަތުން ހުއްޓާލާފައި ވާ ކަމުގެ ވާހަކަތަކެއް އާންމުވެފައި ވާ ދަނޑިވަޅެއްގައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އިންޑިއާގެ ސިއްހީ ހިދުމަތުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރަމުން ދާއިރު، ފާއިތުވީ ދުވަސްތަކުގައި ޕޮޒިޓިވްވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދިއުމުގެ ތަކުލީފުތައް ދިއްލީއަށްވެސް ވަނީ ކުރިމަތިވެފައެވެ. ދިއްލީއިން އެކަނިވެސް 2700 އެއްހާ މީހުން ޕޮޒިޓިވްވެފައި ވާއިރު 761 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މުޅި ގައުމަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2.5 ލައްކައަށް ވުރެ މައްޗަށް އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މިވަގުތު 5 ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރަމުންދާ ގައުމުވެސްމެއެވެ.
ކޮވިޑް-19އާ ގުޅިގެން އިންޑިއާގައި އެކުލަވާލާފައިވާ 5 މެމްބަރުންގެ ތަޖުރިބާކާރު ކޮމިޓީއިން ވަނީ، މި ހިނގާ ޖޫން މަސް ނިމޭއިރު ދިއްލީ އެކަނި 1 ލައްކައެއްހާ މީހުން ޕޮޒިޓިވްވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ކޮންމެ 14-15 ދުވަހަކުން ހާލަތު ގޯހުން ގޯހަށް ދާ ކަމުގެ އިންޒާރު، އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ހޮސްޕިޓަލުތަކުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުލިބި، 3-4 ހޮސްޕިޓަލަށް ގޮސްގެންވެސް ފަރުވާ ނުލިބުމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ގުގުމުންދާއިރު، ކެޖްރިވާލް ފާޑުވިދާޅުވީ ހޮސްޕިޓަލުތަކަށެވެ. އެގޮތުން ހޮސްޕިޓަލުތަކުން އެނދު ހޯދުމުގެ ކަޅުބާޒާރެއް ފެށިފައިވާކަމުގެ އިޝާރާތެއް ކެޖްރިވާލް ވަނީ ދެއްވާފައެވެ. އަދި އިތުރު ވަގުތު ކޮޅެއް ދެއްވުމަށް ވިދާޅުވުމަށްފަހު ކެޖްރިވާލް މިއަދު ވިދާޅުވީ ހޮސްޕިޓަލުތަކުން ދެން އެނދު ދޫކުރަމުންދާނީ ސިޓީގެ ރަށްވެހިންނަށް އެކަނި ކަމަށެވެ.
މީގެ އިތުރުން، ހޮޓާތަކާ ޖަލްސާ ކުރާ މާލަންތައްވެސް އަދި ނުހުޅުވާނެ ކަމަށާ، އެހެނީ މި ތަންތަނަކީވެސް ވަގުތީ ހޮސްޕިޓަލުތަކުގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަންތަނަށްވުމުން ކަމަށް ކެޖްރިވާލް ވަނީ ހާމަ ކުރައްވާފައެވެ. މި ދަނޑިވަޅަކީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް އަވަށްޓެރި އިންޑިއާއިން ކޮވިޑް-19ގެ ލޮކްޑައުން އަމުރުތަކަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެކެވެ.